03 Mar 2011, 15:21
ރޭ ޑީއާރްޕީން މާލޭގައި ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ނުކުތް ފުލުހުންގެ ކޮމާންޑިން އޮފިސަރަކަށް ހުންނެވީ ފުލުހުންގެ ވަޒީފާ އިން ސަސްޕެންޑްކޮށްފައި ހުރި ކަމަށް ބުނާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ރިޝްވާނަކީ އޮޕަރޭޝަންސް ކޮމާންޑިންގެ ހެޑް ކަމަށާއި ރޭގެ މުޒާހަރާގައި ވެސް ކޮމާންޑް ކުރެއްވީ ރިޝްވާން ކަމަށެވެ. އެކަމަކު ރިޝްވާންގެ ސަސްޕެންޝަނާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ފުލުހުން ނުދިނެވެ. އަދި އޭނާ މިހާރު ސަސްޕެންޝަނުން ވީއްލުނީކަން ނުވަތަ ނޫންކަން ވެސް ފުލުހުން ނުބުންޏެވެ.
އެ މައްސަލައިގައި ރިޝްވާނަށް ސަން އޮންލައިނުން ގުޅުމުން ވިދާޅުވީ ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.
ރިޝްވާން ފުލުހުންގެ ވަޒީފާ އިން މިދިޔަ ހޯމަ ދުވަހު ސަސްޕެންޑްކޮށް ގެއަށް ފޮނުވާލާފައި ވަނީ ކ. އަތޮޅު ކައުންސިލް މައްސަލައިގައި ކ. ތުލުސްދޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހޯމް މިނިސްޓަރު ހަސަން އަފީފާ ދެމެދު ހިޔާލު ތަފާތުވެގެންނެވެ. އެނގިފައިވާ ގޮތުގައި ހިޔާލު ތަފާތުވި ސަބަބަކީ ކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކ. އަތޮޅު އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އަފީފް އެންގެވުމުން އެކަމާ ރިޝްވާން ދެކޮޅު ހެދުމުންނެވެ.
އެ މައްސަލައިގައި މިހާތަނަށް ވެސް ފުލުހުން އަދި ހޯމް މިނިސްޓްރީން ވެސް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.
ރިޝްވާން ސަސްޕެންޑް ކުރުމާ އެކު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކުން ވެސް ރިޝްވާންގެ ސަސްޕެންޑް ކުރުން ވަނީ ކުށްވެރިކޮށްފަ އެވެ. މީގެ އިތުރުން ރިޝްވާނަށް ތާއީދު ކުރުމުގެ ގޮތުން ފުނަދޫ ރުކަކަށް "ރިޝްވާން"ގެ ނަމުން ވަނީ ނަން ވެސް ދީފަ އެވެ.