25 Jun 2015, 00:53
ދެހާސް ތޭރަ ވަނަ އަހަރު އޭއެފްސީކަޕްގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގައި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު އައިވަރީކޯސްޓްގެ އެޑަމާ ކޯނޭ ގެނައުމަށް ހުރިހާ ކަމެއް ހަމަޖެހިފައިވަނިކޮށް އެންމެ ފަހު ވަގުތު އޭނާ ކުޅެމުންދާ ޓީމުން ރިލީޒް ނުލިބުމުން އޭނާ ބަދަލުގައި ނިއުއަށް ނައިޖީރިއާ ފޯވަޑެއް ގެނެސްފިއެވެ.
ނިއުއިން ގެނެސްފައި ވަނީ ބަންގުލަދޭޝަގެ ލީގްގެ މުޙައްމަދާން ސްޕޯޓްސްއަށް ކުޅެމުންގެންދާ އަލަމޫ ބްކޮލާ އޮލަލެކަންއެވެ. އޭނާ ވަނި 2011 ވަނަ އަހަރު ބަންގުލަދޭޝް ލީގްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ.
އަލަމޫއާ ބެހޭ ގޮތުން ނިއުރޭޑިއަންތްގެ ވަގުތީ ކޯޗް ޞޮބާހް މުޙައްމަދު (ސޮބާ) ބުނީ އަލަމޫގެ ކުޅުމާ ބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ މެޗްގައި ކުޅޭ ގޮތަކުން ކަމަށާއި އޭނަގެ ފަރާތުން ބޭނުން ވަނީ ލަނޑު ޖެހުން ކަމަށެވެ.
"މެޗް ގައި އޭނާ [އަލަމޫ] ގޯލް ޖަހާ ކަމަށްވާނަމަ ޓީމަށް އެނިމުނީ. މި ބަލަނީ މެޗްގައި އޭނަ ސްކޮ ކްުރާނެ ކަމަށް. ކޮންޓާ ނެއްޓުމެއް ނޫން ހަމައެކަނި ތިން ދަނޑިން އެތެރެ ކޮށްލުން،" ސޮބާ ބުންނެވެ.
ނިއުރޭޑިއަންޓްގެ ޑިރެކްޓާ އޮފް ފުޓްބޯލްސް އަންވަރު ޢަލީ ވިދާޅުވީ ނިއުރޭޑިއަންޓުގެ ކޮންޓްރެކްޓްގައި ކޯނޭ ސޮއި ކުރި ފަހުން އޭނާ ކުޅެމުންގެންދާ ތައިލެންޑްގެ އެފްސީ ޕޫކެޓްއިން އޭނާއަށް ރިލީޒް ދޭން ބޭނުން ނުވުމުން ކަމަށެވެ.

ކޯނޭ އެޑަމާ: ފަހު ވަގުތު އޭނާއަށް ރިލީޒް ނުލިބުމުން ނިއުއަށް އޭނާ ގެނެވޭ ގޮތް ވަނީ ނުވެފައި --- ފޮޓޯ/ ކޯނޭގެ ޓްވިޓާ
ކޯނޭއަކީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ނިއުރޭޑިއަންޓާ ޔަންގޮން މާލޭގައި ކުޅުނު މެޗްގައި ނިއު ބަލިކުރުމަށް ނިއު ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާއެވެ.