24 Jun 2015, 17:25
ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެ ގޭބަންދުގެ މުއްދަތު ދެ މަސް ދުވަހަށް މިއަދު އިތުރުކޮށްފި އެވެ.
ހޯމް މިނިސްޓްރީގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ ރައީސް ނަޝީދުގެ ގޭބަންދުގެ މުއްދަތު މިއަދު އިތުރު ކުރީ އޭޑީކޭ ހޮސްޕިޓަލްގައި އެމަނިކުފާނު ބެއްލެވި ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ.
ރައީސް ނަޝީދުގެ ގޭބަންދުގެ މުއްދަތު ދެ މަސް ދުވަހަށް މިއަދުއިތުރުކޮށްފައިވާއިރު، އެމަނިކުފާނު ގޭބަންދަށް ބަދަލުކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވާނީ މިއަދުއެވެ.
ގޭބަންދުގެ މުއްދަތުގައި ރައީސް ނަޝީދު ހުންނަވަނީ މ. ޔާގޫތުގޭގައެވެ. އެއީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެކޮޅެވެ.
ރައީސް ނަޝީދުގެ ގޭބަންދުގެ މުއްދަތު އިތުރުކުރީ އިއްޔެ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރިނަމަވެސް ހޯމް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.
ޖަލަށްލިފަހުން ތަފާތު އެކި ފަހަރުމަތިން ރައީސް ނަޝީދު މާލެގެނެސް ޑޮކްޓަރަށް ދައްކާފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލާގަ އެވެ.