24 Jun 2015, 17:35
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް މިއަދު ގެނައި އިސްލާހަށް ވޯޓު ލުމުގައި ބައިވެރިނުވީ ޕާޓީއަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް މަޖިލީހަށް ހުށަހެޅި އިސްލާހަށް ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. އެއީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެދިވަޑައިގަތުމުގެ މަތިން ނިންމި ނިންމުމެކެވެ.
QA islaahu kurumuge vote gai baiverinuvee Partyge maslahathahvure qawmee maslahathu iskurun muhimmu kamah qaboolkureveytheeve.
— Abdulla Riyaz MP (@riyazabdulla)June 24, 2015
ރިޔާޒު ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވާއިރު އެޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
އެއިސްލާހު 77 ވޯޓުން މިއަދު ފާސްކޮށްފައިވާއިރު ހަ މެމްބަރަކު ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ދީދީ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހިމެނެއެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އަށް ގެނެސްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ. އެހެންނަމަވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައިކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައި ވެސް ކުރިން ބަޔާންކޮށްފައެއް ނުވެ އެވެ.
ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޝަރުތަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވެސް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ކަމަށެވެ. އެހެންކަމުން މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އިސްލާހު ރައީސްއާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކަށް ވެސް ހިނގާނެ އެވެ.