24 Jun 2015, 20:22
ހުޅުމާލޭ "ނޭބާ ހޫޑު ވަން" ސަރަހައްދުގައި އިމާރާތްކޮށް ނިމިފައިވީ ނަމަވެސް ބަޔަކާ ހަވާލުނުކޮށް ގިނަ ދުވަސްތަކެއްވެފައިވާ ޕްރީ ސްކޫލު ހިންގުމަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފިއެވެ.
ދެ ވަނަ ފަހަރަށް ބިޑު ކޮށްގެން މިފަހަރު ބިޑު ކާމިޔާބު ކޮށްފައިވަނީ ފުއާދު ގާސިމްއެވެ. އޭނާ އަކީ މާފަންނު މަދަރުސާ އާއި އަތޮޅުތެރޭ ބައެއް ރަށްރަށުގައިވެސް ޕްރިންސިޕަލްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މާފަންނު މަދަރުސާގެ ޕްރީ ސުކޫލުގެ ހެޑްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރު އިބްރާހީމް އާސިފް ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެސްކޫލް ހަވާލުކުރުމުގެ އެގްރިމެންޓުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ސޮއިކޮށް އެދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކިޔެވުން ފެށޭނެ ކަމަށެވެ.
"މިހާރު ބިޑް އެވޯޑްކުރެވިފައިވަނީ. މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަނީ މިފެށޭ ހަފްތާ ކުރީކޮޅު އެގެރިމެންޓުކޮށް އެބޭފުޅުންނާއި ތަން ހަވާލު ކުރުމުގެ މަސައްކަތް،" އާސިފް ވިދާޅުވިއެވެ.
މިފަހަރު ބިޑަށް ކުރިމަތިލާފައިވަނީ ހަތަރު ފަރާތަކުންނެވެ. އޭގެ ތެރޭގައި މިހާރު ހުޅުމާލޭގައި ޕްރީ ސުކޫލް ހިންގާ ފަރާތްތައްވެސް ހިމެނެއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ނޭބާހުޑް އެކެއްގައި އިމާރާތްކޮށް ނިންމާފައިވާ ޕްރީސްކޫލުގެ އިމާރާތް އެޑިއުކޭޝަން މިނިސްޓްރީއާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކޮށްފަ އެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު އެ ސްކޫލްގެ ކިޔެވުން ފެށޭނެ ކަމަށެވެ.
އަލަށް އިމާރާތްކޮށްފައިވާ އެ ޕްރީސްކޫލަކީ އަށް ކްލާސްރޫމްގެ ޕްރީސްކޫލެކެވެ. އޭގެ އިތުރުން އެސްކޫލުގައި ކޮމްޕއުޓަރު ލެބަކާއި އޯޑިއޯ-ވިޝުއަލް ކްލާހެއް އަދި ހޯލެއް އިންނާނެ އެވެ. ދިހަ މިލިއަނަށް ވުރެ ގިނަ އަދަދަށް ޚަރަދުވެފައިވާ އެ ސްކޫލުގެ ކޮންމެ ކްލާހެއްގައި 25 ދަރިވަރުންނަށް ކިޔެވޭނެ އެވެ.
އެ ޕްރީސްކޫލްގައި ތިން ގަޑިއިރުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ އިރު ކޮންމެ ސެޝަނެއްގައި 200 ދަރިވަރުންނަށް ކިޔެވޭނެ އެވެ.