24 Jun 2015, 19:48
ޓަލިން (ޖޫން 24): ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބަރުހަތިޔާރު ރުކުރުވާލުމަށް އެމެރިކާ ނިންމާފައިވާކަން އެމެރިކާއިން ކަށަވަރުކޮށްދީފިއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ވިދާޅުވީ ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ރުކުރުވާލުމަށް އެމެރިކާ ނިންމާފައިވާ ބަރުހަތިޔާރުގެ ތެރޭގައި ޓޭންކާއި ބޮޑުބަޑި ހިމެނެއެވެ. ބަރުހަތިޔާރު ރުކުރުވާލުމަށް އެމެރިކާ ނިންމާފައިވާ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ބޯލްޓިކްގެ ތިންގައުމު ކަމަށްވާ އިސްޓޯނިޔާ، ލެޓްވިޔާ އަދި ލިޓުއޭނިޔާގެ އިތުރުން ބަލްގޭރިޔާ، ރުމޭނިޔާ އަދި ޕޮލެންޑް ހިމެނެއެވެ. މި ހަ ގައުމުގެ އިތުރުން ޖަރުމަނުގައިވެސް ބަރުހަތިޔާރު ރުކުރުވާލުމަށް އެމެރިކާ ވަނީ ނިންމާފައެވެ.
ޖަރުމަނަކީ މުޅި ޔޫރަޕަށް ބަލާއިރުވެސް އެމެރިކާގެ އަސްކަރީ ވުޖޫދު އެންމެ ބޮޑު ގައުމެވެ. ރަޝިޔާއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ބޯލްޓިކްގެ ގައުމެއް ކަމަށްވާ އެސްޓޯނިޔާއަށް ވަޑައިގެން ކާޓަރު ވިދާޅުވީ މިގައުމުތަކުގައި ބަރުހަތިޔާރު ރުކުރުވާލުމަށް އެމެރިކާ ނިންމީ ރަޝިޔާދެކެ އެގައުމުތައް ބިރުގަންނާތީ އާއި ރަޝިޔާގެ ބާރުގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާޢުކުރަން ބޭނުންވާތީއެވެ.
ރިޕޯޓްތައް ބުނާގޮތުން ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި އެމެރިކާ ބަރުހަތިޔާރު ރުކުރުވާލަނީ ރަޝިޔާގެ ސަރަހައްދީ ރޮނގާ އެންމެ ކައިރި ސަރަހައްދުތަކުގައެވެ.
މިސަރަހައްދުތަކުގައި އެމެރިކާގެ ޓޭންކްތަކާއި ބޮޑުބަޑިތައް ރުކުރުވާލުމުގެ އިތުރުން މިބާވަތުގެ ބަރުހަތިޔާރު ގިނައަދަދަކަށް ރައްކާ ކުރުންވެސް އެމެރިކާގެ ޕްލޭންގައި ވެއެވެ.
އަނެއްކޮޅުން ނޭޓޯއިންވެސް ގެންދަނީ ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި އަސްކަރީ ބާރުވަރުގަދަ ކުރަމުންނެވެ. މިގޮތުން ރަޝިޔާގެ އަވަށްޓެރި ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހެދުމާއި ރަޝިޔާއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ޕޮލެންޑްގައި މިސައިލް އައްޑަނައިގެ ނިޒާމެއްގެ ރާޑަރުތައް ހަރުކުރުމަށް ނޭޓޯއިން ވަނީ ނިންމާފައެވެ.
އެމެރިކާއާއި ނޭޓޯގެ މިނިންމުންތަކަކީ ރަޝިޔާ އަސްކަރީ ގޮތުން ވަށާލުންކަމަށް އެގައުމުން ދެކޭތީ މިކަންކަމަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިން ދާދިފަހުންވަނީ ރަޝިޔާއަށް އަސްކަރީ ގޮތުން ނުރައްކާކުރާ ކޮންމެ ގައުމަކާ ދިމާއަށް ރަޝިޔާގެ ނިއުކްލިޔަރ ހަތިޔާރުތައް އަމާޒުކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މިއީ ފިނި ހަނގުރާމައަށްފަހު އެއްވެސް ގައުމަކަށް ރަޝިޔާއިން ދީފައިނުވާވަރުގެ ހަރުކަށި އިންޒާރެކެވެ. މިގެއިތުރުން ގިނައަދަދެއްގެ ނިއުކްލިޔަރ ވޯހެޑް ހަރުކޮށްފައިވާ ސްޓްރެޓީޖިކް މިސައިލްގެ އިތުރު 28 މިސައިލް މިއަހަރުތެރޭގައި ރަޝިޔާ ސިފައިންގެ ޚިދުމަތަށްނެރެ ރަޝިޔާގެ ނިއުކްލިޔަރ ގާބިލްކަން އެތައް ގުނައެއް އިތުރުކުރާނެކަންވެސް ރައީސް ޕޫޓިން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
ރަޝިޔާ ސިފައިންގެ ޚިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މި ނިއުކުލިޔަރ މިސައިލްތަކުގެ ތެރެއިން އެންމެ މިސައިލަކުންވެސް ގައުމަކަށް ހަމަލާދީފިނަމަ އެގައުމެއްގެ ބޮޑުބައި ފަނާވެ އެތަށްމިލިޔަން ބަޔަކު އެއްފަހަރާ މަރާލެވޭވަރުގެ ނިއުކްލިޔަރ ބާރު މިއިން ކޮންމެ މިސައިލަކަށްވެސް ލިބިގެންވެއެވެ. (ނޫސްއެޖެންސީތައް)