03 Mar 2011, 14:33
މިދިޔަ އަހަރުގެ ކާމިޔާބު މަސައްކަތްތަކާ އެއްގޮތަށް މިފެށުނު އާ އަހަރުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން، މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީބަޔާން އިއްވެވުމުން، މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރަނީ ވަކި މީހެއް ވަކި މެންބަރެއްގެ އަދި ވަކި އޮފިސަރެއްގެ ނިންމެވުމަށް ނޫންކަމަށެވެ. އަދި ވިދާޅުވި އެވެ: "ރައްޔިތުންގެ މަޖިލީހަކީ ވަކި މީހަކު ބޭނުންވާގޮތަށް ކަންކުރެވޭ ތަނެއް ނޫން. މިއަދު މަޖިލީހުން ކަންކަން ނިންމޭނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ގިނަ މެންބަރުންގެ ހިޔާލާ އެއްގޮތަށް އަގުލަބިއްޔަތުން ކަންކަން ނިންމުމުގެ މަތިން. މަޖިލީހުގެ ޖަލްސާއިން ނިންމާ ކަންކަމަކީ ވެސް ކޮމިޓީތަކުން ނިންމާ ކަންކަމަކީވެސް ޑިމޮކްރަސީގެ އުސޫލުން ހިނގާ ކަންކަން. އެހެންކަމުން އަޅުގަނޑުމެން އެކުވެރިވެ އެއްބައިވެގެން އަޅުގަނޑުމެން ގަބޫލުކޮށްފައިވާ މި ނިޒާމު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ދެކެން" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކީ، ގާނޫނު އަސާސީން މަޖިލީހާ ހަވާލުވެފައިވާ ޒިންމާތައް އެންމެ ހެޔޮގޮތުގައި ރައްޔިތުންނަށް ރައްދުކޮށްދިނުން ކަމަށެވެ. އެކަންކަން ފުރިހަމަ ގޮތުގައި ކުރުމަށް އެކުލަވާލާފައިވާ އާ ގަވާއިދު ބައިނަލްއަގްވާމީ ޕާލަމެންޓްރީ ޖަމިއްޔާ "އިންޓަ ޕާލަމެންޓްރީ" ތަޖުރިބާ ކާރުންގެ އެހީއާއެކު ދިރާސާކޮށް ނިންމާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
" އިރާދަ ކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ކަމާބެހޭ ކޮމިޓީއަށް އެ ގަވާއިދު އަލުން ފޮނުވާނަން. މެންބަރުން އެ ގަވާއިދަށް ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ގެންނެވުމުން މިހާރު މަޖިލީހުން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަލުވިކޮށް އޮމާންކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނަށް، ޖަވާބު ދެއްވުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރަށްވާނެ ކަމަށެވެ.