24 Jun 2015, 14:51
ޖަރުމަންގެ ހަފެންހަމްއަށް ކުޅެމުންގެންދާ ބްރަޒިލްގެ ފޯވަޑް ރޮބާޓޯ ފާމިނޯ ލިވަޕޫލަށް ކުޅެން އެއްބަސްވެ އޭނާ ލިވަޕޫލްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެޓީމުން މިއަދު އިއުލާންކޮށްފި އެވެ.
މިވަގުތު ކޮޕާ އެމެރިކާ މުބާރާތުގައި ބްރަޒިލްގެ ގައުމީ ޓީމާއެކު ޗިލީގައި ހުރި ފާމިނޯ ލިވަޕޫލަށް ގެނެސްފައިވަނީ 29 މިލިއަން ޕައުންޑަށެވެ. އެހެންކަމުން އޭނާއަކީ ލިވަޕޫލްގެ ތާރީހްގައި އެޓީމަށް ގެނެއި ދެ ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެއެވެ. މިހާތަނަށް ލިވަޕޫލަށް އެންމެ އަގުބޮޑުކޮށް ގެނެސްފައިވާ ކުޅުންތެރިޔަކީ 2011 ވަނަ އަހަރު ނިއުކާސަލްއިން 35 މިލިއަން ޕައުންޑްގެ އަގަކަށް ގެނައި އިނގިރޭސި ގައުމީ ޓީމްގެ ފޮވަޑް އެންޑީ ކެރޯލްއެވެ.
ފާމިނޯ ލިވަޕޫލަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. މުސާރައިގެ ގޮތުގައި އޭނައަށް މަހަކު އެއްލައްކަ ޕައުންޑު ދިނުމަށް ލިވަޕޫލުން ވަނީ އެއްބަސްވެފައެވެ.
ހަފެންހަމްގައި ހޭދަ ކުރި ހަތަރު އަހަރުގެ މުއްދަތުގައި އުމުރުން 23 އަހަރުގެ ފާމިނޯ ވަނީ 151 މެޗްގައި 47 ލަނޑު ކާމިޔާބުކޮށްފައެވެ.
މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ގްރޫޕް ސީ ގައި ވެނަޒުއޭލާ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ބްރަޒިލް ތާވަލްގެ އެއް ވަނަ ހޯދި މެޗްގައި ފާމިނޯ ވަނީ ބްރަޒިލްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ފާމިނޯ ލިވަޕޫލްގެ މެޑިކަލް ޓެސްޓްތައް ފުރިހަމަ ކުރާނީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ފަހުގައެވެ.
ލިވަޕޫލުން ވަނީ ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުން ގެންދާ ކޮލަމްބިއާގެ ކާލޯސް ބާކައާއި ރަޝިއާގެ ޒެނެޓް ޕީޓާސްބާގަށް ކުޅެމުންގެންދާ ވެނަޒުއޭލާ ގައުމީ ޓީމްގެ ފޯވަޑް ސެލޮމަން ރޮންޑޮންއަށްވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ.