24 Jun 2015, 14:56
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމާ ދެކޮޅަށް ދެ މެމްބަރަކު ވޯޓު ދެއްވިއިރު، އެ ވޯޓުގައި ހަ މެމްބަރަކަށް ބައިވެރިނުވުނެވެ.
އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ މިނިވަން މެމްބަރެއްގެ ގޮތުގައި މި ވަގުތު ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ.
ގާނޫނު އަސާސީއަށް ގެނައި ފުރަތަމަ އިސްލާހަށް ވޯޓަށް އެހިއިރު، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާުޒު: މިއަދުގެ ޖަލްސާއަށް އޭނާ ވެސް ހާޒިރެއް ނުވޭ -- ފޮޓޯ/ މަޖިލިސް
އިސްލާހު ފާސްވެގެން ދިޔައިރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބުރާހިމް ވެސް ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އޭނާ ވަނީ އެ އިސްލާހަށް ތާއީދު ކޮށްދެއްވުން އެދި ޖޭޕީގެ މަޖިލިސް މެމްބަރުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގެންފަ އެވެ. އަދި އެ ޕާޓީއަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް: މިއަދުގެ ޖަލްސާގައި ގާސިމް ބައިވެރިވެވަޑައިނުގަތީ އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން -- ފޮޓޯ/ މަޖިލިސް
ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް އެމްޑީޕީ އަށް ނިސްބަތްވާ ހުރިހާ މެމްބަރުން ވަނީ ވޯޓު ދެއްވާފައި އެވެ. ނަމަވެސް ހިތަދޫ މެދު ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީގެ ސިއްހީ ހާލަކޮޅު ހުރި ގޮތުން އޭނާ ވެސް ހުންނެވީ ރާއްޖެއިން ބޭރުގައި އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ދީދީ: ސިއްހީ ހާލުކޮޅު ހުރިގޮތުން ރާއްޖެއިން ބޭރުގައި ހުންނެވުމުން އޭނާ ވެސް މިއަދުގެ ޖަލްސާއަށް ވަޑައެއްނުގަންނަވާ-- ފޮޓޯ/ މަޖިލިސް
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވީ 77 މެމްބަރުންގެ ވޯޓުން ނެވެ.
މަޖިލީހުގައި އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި އިންނެވި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމާއި މިނިވަން މެމްބަރެއްގެ ގޮތުގައި އިންނެވި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވެސް ވޯޓު ދެއްވީ އެ އިސްލާހު ފާސް ކުރުމަށެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އަށް ގެނެސްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ. އެހެންނަމަވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައިކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައި ވެސް ކުރިން ބަޔާންކޮށްފައެއް ނުވެ އެވެ.
ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޝަރުތަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވެސް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ކަމަށެވެ. އެހެންކަމުން މުހައްމަދު ހުށަހެޅުއްވި އިސްލާހު ރައީސްއާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކަށް ވެސް ހިނގާނެ އެވެ.