( ޕެރިސް، ފްރާންސް، އޭޕީ) ފަރަންސޭސިވިލާތުގެ ކުރީގެ ދެރައީސުންނާއި މިހާރުގެ ރައީސަށް އެމެރިކާ އިން ޖާސޫސްކުރި ކަން ވިކިލީކްސް އިން ފަޅާއަރުވައިލުމާއި ގުޅިގެން އެމެރިކާ ސަފީރު ހާޒިރު ވުމަށް ފަރަންސޭސި ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

ފަރަންސޭސިވިލާތުގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޭން ހޭޓްލީ ފަރަންސޭސި ފޮރިން މިނިސްޓްރީ އަށް ހާޒިރުވާނެ ކަމަށް ބެލެވެނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް އޭޕީއަށް މައުލޫމާތު ދިން ޑިޕްލޮމެޓިކް އޮފިޝަލަކު ބުންޏެވެ. ނަމަވެސް އޭނާ އަކީ މައުލޫމާތު ދިނުމުގެ ހުއްދަ އޮތް މީހަކަށް ނުވާތީ ނަން ހާމައެއް ނުކުރެ އެވެ.

އެމެރިކާ ސަފީރު ހާޒިރުވުމަށް ފަރަންސޭސި ސަރުކާރުން އަންގާފައި މިވަނީ ރައީސުންނަށް ޖާސޫސް ކުރުމަކީ ގަބޫލު ނުކުރެވޭ މިންވަރަކަށް ސަލާމަތަށް ނުރައްކާ ކުރުން ކަމަށް ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް ވިދާޅުވެފައި ވަނިކޮށެވެ.

ވިކިލީކްސް އިން ބޭޒާރުކޮށްލި އެމެރިކާގެ ޖާސޫސީ ސިއްރު ރިޕޯޓްތައް ބުނާ ގޮތުން ނެޝަނަލް ސެކިއުރިޓީ އެޖެންސީން ވަނީ ފަރަންސޭސި މިތިން ރައީސުންގެ ފޯންކޯލްތަކާއި އީ މެއިލްފަދަ ތަކެއްޗަށް ޖާސޫސުކޮށް އެތަކެތި ސިއްރިޔާތުގައި އަޑުއަހައި ބެލުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކޮށްފަ އެވެ. އެމެރިކާ މިކަން ކޮށްފައި ވަނީ ދެ ހާސް ހަވަނަ އަހަރުން ފެށިގެން ދެހާސް ބާރަ ވަނަ އަހަރުގެ މޭމަހާ ހަމައަށްކަމަށްވެ އެވެ.