ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުދިން ހުރިހާ ސިޔާސީ ޕާޓީއަކަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ޝުކުރު އަދާކުރައްވައިފި އެވެ.

ވޯޓުން އެ އިސްލާހު ފާސްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަދީބު ކުރެވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ޒުވާނުން ބާރުވެރިކުރަން ކުރައްވާ މަސައްކަތަށް ރައީސް ޔާމީނަށް ޝުުކުރު އަދާކުރަވާ ކަމަށެވެ. އަދި މިއަދު އެ އިސްލާހަށް ވޯޓު ދެއްވި ހުރިހާ ސިޔާސީ ޕާޓީތަކަށް އަދީބު ވަނީ ޝުކުރު ދަންނަވައިފައެވެ. އެގޮތުން ޖޭޕީ އެމްޑީޕީ އެމްޑީއޭ އަދި ޕީޕީއެމްގެ ނަން ވަކިވަކިން އަދީބު ފާހަގަކުރައްވާފައި ވެއެވެ.

މިއަދު ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަކީ ތާރީހުގައި ލިޔެވިގެންދާނެ ކަމެއްގެ ގޮތުގައި އަދީބު ވަނީ ފާހަގަކުރައްވައިފައެވެ.

އާ ގާނޫނު އަސާސީއަށް ފުރަތަމަ ފަހަރަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ 77 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސް ކުރުމާ ދެކޮޅަށް ދެ މެމްބަރުން ވޯޓު ދެއްވި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އަށް ގެނެސްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ ހަގު އުމުރަކީ 30 ކަމަށްވެސް އެ އިސްލާހުގައި ކަޑައަޅާފައިވެ އެވެ.