ތ. އަތޮޅާއި ލ. އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ "ދޯނި ސާވިސް" އިން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަމުން ނުދާތީ އެފަރާތާއެކު ވެފައިވާ އެގްރިމެންޓް އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ، އެ ދެ އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ "ދޯނި ސާވިސް"އާ އެކު ހަދާފައިވާ އެއްބަސްވުން އިއްޔެ ބާތިލު ކޮށްފައިވާ ކަމަށެވެ.

"ކޮންޓްރެކްޓާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދެމުން ނުދާތީ ތަފާތު އެކި ފަހަރު މަތިން އެކަންކަން ރަނގަޅު ކުރަން އެންގުމުން، އެކޮޅުން އެކަމަށް އެކަށިގެންވާ އިޖާބައެއް ދީފައި ނެތުމުން ބާތިލް ކުރީ." އޭނާ ވިދާޅުވި އެވެ.

ދެހާސް ނުވަ ވަނަ އަހަރު އެ ކުންފުއްޏަށް ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ 50 އަހަރަށެވެ. ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުމާ އެކު އެ ކުންފުންޏަށް ވަނީ 26 ބިމަކާއި ފަޅުރަށެއް، ރިސޯޓް ހަދަން ދީފައެވެ. އެގްރީމެންޓް ބާތިލް ކުރުމާ އެކު އެތަންތަން ވެސް ވަނީ ސަރުކާރަށް ނަގައިފައެވެ.

ކުރިއަށް އޮތް ތަނުގައި އެ ދެ އަތޮޅަށް ފެރީގެ ހިދުމަތްދެވޭނެ ރަނގަޅު ކުންފުއްޏަކާއި އެމަސައްކަތް ހަވާލުކުރާނެ ކަމަށް ތައުފީގް ވިދާޅުވި އެވެ.

ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކުން އެކަން ރަނގަޅަށް ނުކުރާތީ އިކޮނޮމިކް މިނިސްޓްރީން ދަނީ އެފަދަ އެގްރީމެންޓްތައް ބާތިލްކޮށް އެހެން ކުންފުނިތަކާ ހަވާލު ކުރަމުންނެވެ.