24 Jun 2015, 13:36
ބަންޑާރަަނައިބުގެ މަގާމުގައި މީހަކު ނެތި މަގާމު ހުސްވުމުގެ ސަބަބުން އިސްތިއުނާފު މުއްދަތު ހަމަވެ އިސްތިއުނާފު ނުކުރެވުނު މައްސަލައެއް ބަލައިގަތުމަށް ސުޕުރީމު ކޯޓުން ހައިކޯޓަށް އަންގައިފި އެވެ.
ފެމިލީކޯޓުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ވަޒީފާއިން ވަކި ކުރި މއ. ދިރޭ ގުލޭލާ ހާލިދު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާއި ބެހޭޓްރިބިއުނަލުން ނިންމި ނިންމުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅީ މުއްދަތު ހަމަވި ފަހުންނެވެ.
މައްސަލަ ހުށަހެޅުން ލަސްވީ ބަންޑާރަނައިބަކު ނެތުމުން ކަމަށް ހައިކޯޓުގައި ދައުލަތުން ވަނީ ބުނެފައެވެ. ނަމަވެސް ހައިކޯޓުން އެމައްސަލަ ބަލައި ނުގަތީ ދައުލަަތަށް އެމައްސަލަ އިސްތިއުނާފު ކުރުމަށް އެކަށީގެންވާ މުއްދަތު ލިބުނު ކަމަށް ބުނެ އެެވެ.
އެމައްސަލަ ބަލައިގަތުމަށް އަންގައި އިއްޔެ ސުޕްރީމު ކޯޓުން ކުރި ހުކުމުގައި ވަނީ އެމައްސަލަ ހައިކޯޓަށް ބަލައި ނުގަތުމަށް ނިންމި ނިންމުމަކީ ސައްޅަ ނޫން ނިންމުމެއް ކަމަށާއި، އެމައްސަލަ އިސްތާނާފަށް ހުށަހެޅުން ލަސްވީ ބާރު ނުފޯރާ ފަދަ ސަބަބެއް މެދުވެރި ވެގެން ކަމަށެވެ.
އަދި އެމައްސަލަ ހަތް ދުވަހުގެ ތެރޭގައި ހުށަހެޅުމުން ބަލައިގަތުމަށް ސުޕުރީމު ކޯޓުން ހައިކޯޓުގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.
ބަންޑާރަ ނައިބުގެ މަގާމު އޭރު ހުސްވެފައި ވަނީ އޭރު އެމަގާމުގައި ހުއްނެވި އާއިޝަތު އާޒިމާ ޝުކޫރުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި މަގާމުން ވަކި ކުރުމުންނެވެ.