24 Jun 2015, 13:30
ރާއްޖޭގެ ގާނޫނީ ހުކޫމަތާއި އިންސާނީ ހައްގުތަކާއި، ކަނޑައެޅިފައިވާ އުސޫލުން ކަންކަން ހިންގުން ހުރި ގޮތާ މެދު ކަންބޮޑުވާކަމަށް އެމެރިކާއިން ރާއްޖެ އާއި ސްރިލަންކާ އަށް ކަނޑައަޅާ އާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެ އެވެ.
އަތުލް މިހެން ވިދާޅުވީ އެމެރިކާގެ ސެނަޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީ ގައި ވާހަކަ ދައްކަމުންނެވެ.
މީގެ އިތުރުން ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުނެތުމާއި ދީނީ ހައްދުފަހަނައަޅާ ދިއުމާއި އިޖްތިމާއީ ހަމަނުޖެހުން ކަމަށް އަތުލް ވިދާޅުވިއެވެ. ހުރިހާ ރައްޔިތުންނަށް އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތައް ލިބިދީފައި އޮންނަންޖެހޭ ކަމަށް ވެސް އަތުލް ވިދާޅުވިއެވެ.
ދެގައުމުން ޝައުގެވެރިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އަތުލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދީނީ ހައްދުފަހަނައަޅާ ދިއުމާއި ދެކޮޅަށް މަސައްކަތް ކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް މަދު ކުރުމާއި އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ބެލެހެއްޓުން ހިމެނޭ ކަމަށް އަތުލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ އާއި އެކު މިހާރަށްވުރެ ބޮޑު ގުޅެމެއް ބާއްވަން. އަދި ޑިމޮކްރަސީ އަށް ރާއްޖެ މީގެ އަހަރުތަކެއް ކުރިން ފެށި ދަތުރަށް އެނބުރި އައުން،" އަތުލް ވިދާޅުވިއެވެ.
އަތުލް ވިދާޅުވީ ރާއްޖެ އާއި ސްރީލަންކާގެ އިގްތިސާދީ ތަަރައްގީ އާއި ސަލާމަތްތެރިކަމަކީ ހަމައެކަނި އެ ދެގައުމަށް އެކަނި މުހިންމު ކަންކަމެއް ނޫންކަމަށާއި މުޅި އިންޑޯ ޕެސިފިކް ރީޖަނަށްވެސް ވަރަށް މުހިއްން ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސްރީލަންކާގެ ޑިމޮކްރެޓިކް ޕްރޮސެސް ކުރިއަށް ގެންދަން އެމެރިކާއިން އެހީތެރިވެދޭނެ ކަމަށެވެ.
އަތުލް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އެސިސްޓެންޓް ސެކެއްޓަރީ އޮފް ސްޓޭޓް ފޮރ ސައުތް އެންޑް ސެންޓަރަލް އެފެއާޒް ނިޝާ ބިސްވާލްގެ ނައިބެއްގެ ގޮތުގައެވެ. އަތުލް އަކީ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެކެވެ.
އެއްމެ ފަހުން ރާއްޖެ އާއި ލަންކާ އާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުރި އެމެރިކާގެ ސަފީރު މިހާރު ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. ރާއްޖެ އާއި ލަންކާ އަށް ސަފީރު ކަނޑަނައަޅާތާ މިހާރު ވަނީ އަހަރެއްހާ ދުވަސް ވެފައެވެ.