ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތުރީލައިން ވިޕެއް ނެރުމުން އެ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން އެ ނިންމުމަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޑރ. ހުސައިން މިއަދު ސަން އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައި ވާނީ، ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުން ކަމަށާއި ނަމަވެސް ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެ ޕާޓީގެ ޕާލަމެންޓް ގްރޫޕުން ނެރުނު ތްރީލައިން ވިޕް އެ ނިންމުމާ ފުށުއަރާ ކަމަށެވެ.

އޭނާގެ ހިޔާލުތަފާތުވުންތައް އޭނާ ވަނީ އޭނާގެ ފޭސްބްކް އެކައުންޓްގައި ވެސް ހިއްސާކޮށްފަ އެވެ.

ހުސައިން ވިދާޅުވީ ގާނޫނު އަސާސީއަކީ "އިރުއިރުކޮޅަށް" ބަދަލު ކުރާ އެއްޗެއް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު "ޑިއު ޕްރޮސަސް" ފުރިހަމަކޮށްގެން ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ގާނޫނު އަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ގާނޫނީ ގޮތުން މައްސަލަތައް ދިމާވެދާނެ ކަންކަން ވެސް ހުރި ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އުމުރުން 64 އަހަރުގެ މީހަކު ރައީސް ކަމަށް އިންތިހާބު ވެއްޖެ ނަމަ، ދައުރުގެ މެދުތެރެ އިން އެފަދަ މީހަކަށް 65 އަހަރު ވާނެ ކަމަށާއި ނަމަވެސް އެކަމުގެ ހައްލު އިސްލާހުން ބުނެނުދޭ ކަމަށެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ހުސްނުއްސޫދާއި ދިޔާނާ ސައީދު ވެސް ވަނީ ފާޑުކިޔައިފަ އެވެ.

ދިޔާނާ ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށާއި ނައިބް ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރަން ހުށަހަޅާފައިވާ ނިންމުމާ ގުޅިގެން، ގައުމު އޮތީ މަޖުބޫރީ ހާލަތެއްގައި ކަމަށެވެ. ސުއޫދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގައި ހަމައެއް ނެތް ކަމަށާއި އެކަން ކުރާ ބައެއްގެ އަމިއްލަ މަސްލަހަތު ފިޔަވައި އިތުރު ކަމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެކަމުން ވަރުގަދަ ވާނީ ހުދުމުހުތާރުކަން އެކަނި ކަމަށެވެ.