ހއ. ކެލާ އާއި ބ. ކެންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ކެޕިޓަލް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރާޖް މަނިވަނަން އެވެ.

ހއ. ކެލާގެ ބަނދަރުގެ ދިގުމިނުގައި 700 ފޫޓު އަދި ފުޅާމިނުގައި 250 ފޫޓު ހުރެ އެވެ. ޖުމްލަ 240 ދުވަސްތެރޭގައި ނިންމާ ގޮތަށް، އެ ބަނދަރުގެ މަސައްކަތް ކެޕިޓަލް އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ 24.3 މިލިއަން ރުފިޔާ އަށެވެ.

ބ. ކެންދޫގެ ބަނދަރުގެ ދިގުމިނުގައި 540 ފޫޓު އަދި ފުޅާމިނުގައި 180 ފޫޓު ހުރެ އެވެ. ޖުމްލަ 240 ދުވަސްތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށް ކެޕިޓަލް އިންވެސްޓްމަންޓާ ހަވާލުކޮށްފައި ވަނީ 29.2 މިލިއަން ރުފިޔާ އަށެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ރަށު ބަނދަރުގައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ކޮންކްރީޓް ބްލޮކުން އެއްގަމުތޮށި ހެދުމާއި ކަނޑު ތޮށީގައި ބޮޑުހިލަޖެހުން ހިމެނެ އެވެ. އަދި ބަނދަރުކޮނެ ފުންކުރުމާއި ބަނދަރުގައި ލައިޓް ޖަހައި އަލިކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގް މިނިސްޓަރު މުއިއްޒު ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން އެ ދެ ރަށުގައި ހަދާ ބަނދަރަކީ މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަށް ވުރެ ބޮޑަތި ބަނދަރު ކަމަށެވެ. އެހެންކަމުން ބަނދަރުގެ ސަބަބުން ރަށަށް ތަރައްގީލިބި އިގްތިސޯދީ ގޮތުން ކުރިއަރާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކެލާ ދާއިރާގެ މަޖިލިސް މެންބަރު އަލީ އާރިފް އާއި އެ ދެ ރަށުގެ ކައުސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.