24 Jun 2015, 12:15
ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ރިވިއު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފެންނަ ގޮތް ބަޔާންކޮށް އެކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓަށް މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި އެވެ.
އެ ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން މިއަދު ހެނދުނު ސިއްރުކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ މުސާރަ އާއި އޮނިގަނޑަށް ބަދަލު ގެނައުމަށް ކުރިން ބޭއްވި ކޮމިޓީ ސިއްރުކޮށްފައެއް ނުވެ އެވެ. އާންމު އުސޫލެއްގެ ގޮތުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވެސް މީގެ ކުރިން ސިއްރުކޮށްފައެއް ނުވެ އެވެ.
މާލިއްޔަތު ކޮމިޓީ މިއަދު ސިއްރުކޮށްފައިވާ އިރު އެ ކޮމިޓީގައި އެޖެންޑާ ކޮށްފައި ވަނީ އެ ރިޕޯޓަށް މަޝްވަރާ ކުރުމާއި އިދާރީ މައްސަލައެއް އޮތްކަމުގައިވާ ނަމަ އެކަމެއް މަޝްވަރާ ކުރުމަށެވެ.
ފަނޑިޔާރުންގެ ނައިޓް ޑިއުޓީ އެލަވެންސްއާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީ އިން ވަނީ ވަރަށް ފަހުން މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެ ބައްދަލުވުން ސިއްރުކޮށްފައެއް ނުވެ އެވެ.