ދެހާސް އަށް ވަނަ އަހަރުން ފަށައިގެން އަމަލު ކުރަމުން އަންނަ ފެހި ގާނޫނު އަސާސީ ބޭނުން ކުރަން ފެށިތާ މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ގާނޫނު އަސާސީގައި އިސްލާޙު ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރިކަން ފާހަގަވެގެން ގޮސްފައިވާ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ސިލްސިލާކޮށް ކޮންމެ ރެއަކު ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ރޭ ވިދާޅުވީ ގާނޫނު އަސާސީ އަށް ބޮޑު އިސްލާހެއް ގެނެސްފި ނަމަ ރައްޔިތުންނަށް އެކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ 2008 ވަނަ އަހަރު އަނިޔާވެރިކަން ނިންމުމުގެ ގޮތުން ކުރަންޖެހުނު އެންމެ މުހިއްމު އެއް ކަމަކީ ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށެވެ.

"ނޫ ގާނޫނު އަސާސީގައި ވެސް އޮތް އެއްވެ އުޅުމުގެ މިނިވަންކަން ލިބޭނޭ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެބައޮތޭ. ޖަމާއަތް ހަދައިގެން އުޅެން ހުއްދަ އެބައޮތޭ. އަދި އޭގެ ތެރެއިން ސިޔާސީ ޕާޓީ އުފެދިގެން އައީ ވެސް. ކުރީގެ ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ސިޔާސީ ޕާޓީއެއް ނުއުފެދުނު ކަމުގައި ވިއަސް. ސިޔާސީ ޕާޓީ އުފެދިގެން އައިސް ސިޔާސީ ޕާޓީގެ ތެރެއިން ރައްޔިތުންނަށް އެތައް ފައިދާތަކެއްވި." މާރިޔާ ވިދާޅުވި އެވެ.

ގާނޫނު އަސާސީ އަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އިސްލާހަށް ވޯޓު ދިނުމާއި ގުޅޭ ގޮތުން އެމްޑީޕީން ވެސް ވަނީ ތާއީދު ކުރައްވާފައި އެވެ. އަދި އެއިސްލާހު ފާސްކުރަން ވޯޓު ދިނުމަށް އެމްޑީޕީން ވެސް ވަނީ ނިންމާފައި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މާރިޔާ ވިދާޅުވީ އެ އިސްލާހަށް ވޯޓު ދެއްވާތީ އެމްޑީޕީގެ އާންމު ބައެއް މެމްބަރުން "ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން" އުފެދިގެން އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ "އެބަޔަކު ބުނާ ގޮތަކަށް ކަން ކުރުމަކީ އެބައެއްގެ ކަމެއް" ކަމަށެވެ. މާރިޔާ ވިދާޅުވީ ކުރަން ޖެހޭ ކަމެއް ކުރުމަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީ އަކީ ދޫ ދޭން ޖެހިއްޖެ ހާލަތްތަކުގައި ދޫ ދޭ ޕާޓީއެއް ކަމަށެވެ.

"ސަރުކާރަށް އިތުބާރު ނުކުރެވުނު ނަމަވެސް މިކަމުގައި އަޅުގަނޑުމެން ދޫ މިދެނީ މިކަމުން ރާއްޖެ އަށާއި މި ޑިމޮކްރަސީއަށް ކުރާ މަސައްކަތަށް އަދި އަޅުގަނޑުމެންގެ އިހުލާސްތެރި މެންބަރުންނަށް ވާން އޮތް ފައިދާ ބޮޑުވީމާ. މި އިސްލާހަށް ތާއީދުކޮށްގެން ގެއްލުމަށް ވުރެ ލިބެން އޮތް ފައިދާ ބޮޑުވީމާ،" މާރިޔާ ވިދާޅުވި އެވެ.

އަޑުފެތުރިފައިވާ ގޮތުގައި ނަޝީދު ގޭ ބަންދަށް ބަދަލު ކުރީ ގާނޫނު އަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވޯޓު ދޭ ގޮތަށެވެ. އެ އަޑުތައް ފެތުރިފައި ވަނިކޮށް އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު މުހައްމަދު ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ރައްޔިތުން އަޑުތަކަށް ބަލާއިރު ނައިބު ރައީސަކަށް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.