03 Mar 2011, 14:08
ށ. ފުންދޫން: ހުސައިން ހަސަން
ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިމާޔަތް ކުރުމަށް ފުނަދޫގެ ރައްޔިތުން ކުރި އިހްތިޖާޖުތަކުގައި ބޭނުން ކުރި ބެނާތަކުގައި ލިޔެފައިވާ ޝުރޫރުތައް ރައްދުވާ ފަރާތްތަކުގެ ނަމުން ފުނަދޫގެ ރުށްތަކަކަށް ނަންދީފި އެވެ.
އެ ޝުއޫރުތައް ރައްދުވާ ފަރާތްތަކުގެ ނަމުން ބައެއް ރުށްތަކަށް ނަން ދިނީ ޑީއާރުޕީގެ ނައިބު ލީޑަރު ތޮއްޑޫ އަލީ ވަހީދު އިސްވެ ހުންނަވައިގެން މި ރަށުގެ ރައްޔިތުންނެވެ.
ށ. އަތޮޅާއި ކ. އަތޮޅުގެ ކައުންސިލްގެ ގަރާރަކުން ނިންމި ނިންމުމާދެކޮޅަށް ހޯމް މިނިސްޓްރީން އަމުރަށް ފުލުހުން ބޯލެންބުވުމަށް ކުރި މަސައްކަތުގެ ހުރަކަށް ވެވަޑައިގެންނެވި ކަމަށް ބުނާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާނަށް ތައުރީފުކޮށް ލިޔެފައިވާ ބެނާގައިވާ "ރިޝްވާން ފަދަ ގައުމީ ބަތަލަކަށް ވުމަށް- ގާނޫނު ހިމާޔަތް ކުރޭ" އެހެން ލިޔެފައިވާ ފޮތިގަނޑެއް މިރަށުގެ ރައްޔިތުން ވަނީ ދަމާފަ އެވެ. އެ ފޮތިގަނޑު ހަރުކުރި ދެ ރުކުގެ ތެރެއިން އެއް ރުކަށް ވަނީ "ރިޝްވާން"ގެ ނަމުން މިއަދު ނަންދީފަ އެވެ.
އެއް މަރުހަލާގެ ދެ ކޯޓު ކަމަށްވާ ށ. ނިލަންދޫ ކޯޓައި ކ. މާފުށީ ކޯޓުން ކުރި އަމުރުތަކަށް ނިސްބަތްކޮށް ގާނޫނީ ބާރު ދެމެހެއްޓުމަށް އެކަމުގެ ބެލެނެވިރިކަން ލިބިގެންވާ ފަރާތްތަކަށް ކުރާ އަމުރަށް ގޮވައިލާ ދެމި ބެނާ ހަރުކޮށްފައި ހުރި ރުކަށް މިރަށުގެ ރައްޔިތުން ދިން ނަމަކީ "ފަނޑިޔާރު" އެވެ. އަދި ފުނަދޫގެ ރައްޔިތުން އެއްތަނަކަށް ޖަމާވެ، ކައުންސިލް އިދާރާގެ ކުރި މަތީގައި، ހަތަރު ދުވަހު ކުރި މަސައްކަތަށް ދިން ނަމަކީ "ތަހްރީރު" އެވެ. މިރަށުގެ ރައްޔިތުންގެ އަޑުތައް މީޑިއާ މެދުވެރިކޮށް ފޯރުކޮށްދިން ފަރާތްތަކަށް ނިސްބަތްކޮށް "މީޑިއާ"ގެ ނަމުން ވެސް މިއަދު ރުކަކަން ނަން ދިނެވެ.
ފުނަދޫގެ ތިން ރުކަކަށް ރައްޔިތުން ދިން ނަންތައް އިފުތިތާހުކޮށް ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އެއްވުމުގައި ރައްޔިތުން ބޭނުން ކުރި ސާމާނުތަކާއި ބެނާތައް ތާރީހަށްޓަކައި އަދި މައިދާނުގައި ހޭދަކުރި ކުޑަކުދިންގެ ޖީލަށް ދެއްކުމަށް ރައްކާކުރަން ޖެހޭނެ ކަމަށެވެ.
ރުއްރުކަށް ނަން ދިން އިރު ކޮންމެ އަހަރެއްގެ މާޗް މަހުގެ ދެވަނަ ދުވަހަކީ "ފުނަދޫ ފަތަހައިގެ ދުވަސް ކަމުގައި" ވެސް މި ރަށު ކައުންސިލުން ވަނީ މިއަދު ނިންމާފައެވެ.