24 Jun 2015, 11:09
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ތަޅުމަށް މިއަދު ހުށައެޅުމުން ބަހުސް ނިންމާލައި މިއަދު 1:30ގައި ވޯޓަށް އެހުމަށް ނިންމަިއިފި އެވެ.
މިއަދު 10:30ގައި ފެށި މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހަށް ހުށައެޅި އެއިސްލާހު އެ ކޮމެޓީ އިން ފާސްކޮށްފައިވާ ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށައަޅާފަ އެވެ.
އެ ރިޕޯޓަށް އެއް ގަޑިއިރުގެ ބަހުސަކަށް މަޖިލީހުގެ ރައީސް ފުރުސަތު ހުޅުވާލި ނަމަވެސް ބަހުސްކޮށްފައި ވަނީ ތިން މިނެޓެވެ. އެބަހުސްގައި ވާހަކަ ދައްކާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އެމްޑީޕީއަށް ނިސްބަތްވާ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އެވެ. އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ އެއިސްލާހަށް އެދެ ޕާޓީ އިން ތާއީދު ކުރައްވާ ވާހަކަ އެވެ.
އިތުރު ބޭފުޅަކު ބަހުސް ކުރުމަށް ފުރުސަތަށް ނޭދުމުން މަޖިލިސް ރައީސް އިއުލާން ކުރައްވާފައިވާ އެ އިސްލާހަށް މިއަދު 1:30ގައި ވޯޓަށް އެހުން އޮންނާނެ ކަމަށެވެ.
އެއިސްލާހަށް މިއަދު ވޯޓަށް އަހާ އިރު އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އިން ވެސް ވަނީ އެ އިސްލާހު ފާސްކުރަން ވޯޓް ދިނުމަށް ނިންމައިފަ އެވެ. ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ބޭނުން ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިން ބައި އަގުލަބިއްޔަތެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްޔަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ފާސްކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެރިކަމަކަށް ވާދައެއް ނުކުރެވޭނެ އެވެ. ގާސިމް އިބްރާހިމްގެ އުމުރުފުޅަކީ 65 އަހަރު ކަމުގައިވާ އިރު، ރައީސް މައުމޫންގެ އުމުރުފުޅަކީ 77 އަހަރެވެ.