24 Jun 2015, 12:00
ލަންޑަން (ޖޫން 24) : އެމެރިކާގެ ޖާސޫސޫ އިދާރާ ކަމަށްވާ ނެޝަނަލް ސެކިއުރިޓީ އެޖެންސީން ފަރަންސޭސިވިލާތުގެ ތިން ރައީސުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ޖާސޫސުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ގައުމުތަކުގެ ސިއްރު ލިޔުންތައް ބޭޒާރު ކޮށްލުމުގައި ދުނިޔެއަށް ނަންމަޝްހޫރު ވިކިލީކްސްއިން އަލަށް ބޭޒާރުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކަކުން ހަމަވާގޮތުގައި އެމެރިކާގެ ޖާސޫސޫ އިދާރާ ކަމަށްވާ ނެޝަނަލް ސެކިއުރިޓީ އެޖެންސީން ފަރަންސޭސިވިލާތުގެ ތިން ރައީސުންނަށް އަމާޒުކޮށް ފުޅާދާއިރާއެއްގައި ވަނީ ޖާސޫސީ ހަރަކާތްތަކެއް ހިންގާފަ އެވެ.
މި ތިން ރައީސުންނަނީ ފަރަންސޭސި ކުރީގެ ދެ ރައީސުން ކަމަށްވާ ޖެކްޝިރާކް އާއި ނިކޮލައި ސާކޯޒީގެ އިތުރުން މިހާރުގެ ރައީސް ފޮންސުވާ އޮލާންދް އެވެ. އޮލާންދަށް އެމެރިކާ އިން ޖާސޫސުކޮށްފައި ވަނީ އޭނާ ވެރިކަމަށް އިސްވެ ވަޑައިގެންނެވިތާ ކުރީކޮޅުގަ އެވެ.
ވިކިލީކްސްއިން ބޭޒާރުކޮށްލި އެމެރިކާގެ ޖާސޫސީ ސިއްރު ރިޕޯޓްތައް ބުނާ ގޮތުން ނެޝަނަލް ސެކިއުރިޓީ އެޖެންސީން ވަނީ ފަރަންސޭސި މިތިން ރައީސުންގެ ފޯންކޯލްތަކާއި އީ މެއިލްފަދަ ތަކެއްޗަށް ޖާސޫސުކޮށް އެތަކެތި ސިއްރިޔާތުގައި އަޑުއަހައި ބެލުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކޮށްފަ އެވެ. އެމެރިކާ މިކަން ކޮށްފައި ވަނީ ދެ ހާސް ހަވަނަ އަހަރުން ފެށިގެން ދެހާސް ބާރަ ވަނަ އަހަރުގެ މޭމަހާ ހަމައަށްކަމަށްވެ އެވެ.
އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީން ދުނިޔޭގެ އެތައް ގައުމެއްގެ ރައީސުންނާއި ބޮޑުވަޒީރުންނަށް އަމާޒުކޮށްގެން ޖާސޫސީ ހަރަކާތްތައް ހިންގާފައިވާކަން މިގެކުރިންވެސްވަނީ ފަޅާއަރާފަ އެވެ. މިގޮތުން ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް އަށް އެމެރިކާ އިން ޖާސޫސުކުރިންކަން މިދިޔަ އަހަރު ފަޅާއަރާފައިވެ އެވެ. (ބީބީސީ)