އިސްލާމްއާބާދު (ޖޫން 24) : ޕާކިސްތާނަށް ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ހޫނުގެ ސަބަބުން 700 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ބަލިވެގެން ހޮސްޕިޓަލުތަކުގައި އެނދުމަތިކުރަމުން ގެންދާތީ އާންމު ރައްޔިތުންގެ ޙިމާޔަތުގައި އަވަސްފިޔަވަޅުތަކެއް އެޅުމަށް އެގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަމުރުކުރައްވައިފި އެވެ.


ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންތާ ބެހޭ އިދާރާއިން ބުނީ އާންމުންގެ ޙިމާޔަތުގައި އަވަސް ފިޔަވަޅު ތަކެއް އެޅުމަށް ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް އަމުރުކުރައްވާފައިވާ ކަމުގަ އެވެ. ނަވާޒް ޝަރީފް އަމުރު ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި ހޫނުގެ ސަބަބުން ސިއްޙީ މައްސަލަތައް ކުރިމަތިވާ މީހުންނަށް ހިޔާވަހިކަން ދިނުމާއި އެފަދަ މީހުންނަށް ހިލޭ ބޭސްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން މިކާރިސާގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ފައިސާގެ އެހީ ދިނުން ހިމެނެ އެވެ.
ޕާކިސްތާނަށް ކުރިމަތިވެފައިވާ ހޫނުގެ އޮއިވަރުތައް އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ އެގައުމުގެ ދެކުނުގެ ސިންދު ސަރަހައްދަށެވެ. ކަރާޗީގައި އިއްޔެ ފިނިހޫނުމިން ވަނީ 46 ޑިގްރީ ސެލްސިޔަސް އަށް މައްޗަށް ގޮސްފަ އެވެ. ސިންދުގެ ބައެއް ސިޓީތަކާއި ވިލެޖްތަކުގައި 48 އަދި 49 ޑިގްރީ ސެލްސިޔަސް އަށްވެސް ފިނިހޫނުމިން މައްޗަށް ގޮސްފައިވާކަން މޫސުމާބެހޭ ޕާކިސްތާނުގެ އިދާރާއިން ބުނެ އެވެ.


ޕާކިސްތާނުގެ އަވަށްޓެރި އިންޑިއާއަށް ވެސް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ހޫނުގެ މިފަދަ އޮއިވަރުތަކެއް އައިސްފަ އެވެ. މިއޮއިވަރުތަކުގައި 50 ޑިގްރީ ސެލްސިއަސް އަށް ވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން ވަނީ މައްޗަށް ގޮސްފަ އެވެ.


ހޫނު ގަދަވުމުގެ ސަބަބުން ސިންދު ސަރަހައްދުން 612 މީހުން އިއްޔެގެ ނިޔަލަށް މަރުވެފައިވާ އިރު އޭގެތެރޭގައި މުޅިން ވެސް ހިމެނެނީ ހިޔާވަހިކަމުން މަޙްރޫމްވެފައިވާ ނިކަމެތީންނާއި ފަގީރުންނެވެ. ސިންދުގެ އިތުރުން އެހެން ބައެއް ސަރަހައްދުތަކުން ވެސް ހޫނުގެ ސަބަބުން މީހުން މަރުވެފައިވެ އެވެ. ޕާކިސްތާނުގެ ހޮސްޕިޓަލުތަކުގައި މިހާރު ވެސް ހޫނުގެ ސަބަބުން ބަލިވެފައިވާ އެތައް ހާސްބަޔަކު އެނދުމަތިކޮށްފައިވެ އެވެ. މީގެތެރޭގައި ވެސް ގިނައީ ގެދޮރުނެތި މަގުމަތީގައި ފޭލިގެ ޖަހައިގެން ދިރިއުޅެން ޖެހިފައިވާ ފަގީރުންނެވެ. ޕާކިސްތާނަށް މިއީ އާންމުގޮތެއްގައި ވިއްސާރަ ދުވަސްވަރެކެވެ. ނަމަވެސް މިއަހަރު ވިއްސާރަ ދުވަސްވަރު ފަސްވެފައިވާ ކަމަށާ މިއީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް މޫސުމާބެހޭ ޕާކިސްތާނުގެ އިދާރާއިން ބުނެ އެވެ.

ވާރޭނުވެހި ގިނަ ދުވަސްތަކެއް ކުރިމަތިވުމުގެ ސަބަބުން ޕާކިސްތާނުގެ ބައެއް ކޯރުތައްވެސް ހިކި ބޮޑެތި ކޯރުތަކުގެ ފެންގަނޑު އަޑިވުމުގެ ސަބަބުން ފެނުންކަރަންޓް އުފައްދާ ސްޓޭޝަންތަކުން ކަރަންޓް ވެސް ރަނގަނޅަށް ނުއުފެއްދޭ ކަމަށްވެ އެވެ. އެހެންކަމުން ޕާކިސްތާނުގެ އެތަށް ސަރަހައްދަކަށް ދަނީ ކަރަންޓް ކަނޑައިގެންދިޔުން ފަދަ މައްސަލަތައް ކުރިމަތިވަމުންނެވެ. މިދުވަސްވަރަކީ ބަރަކާތްތެރި ރަމަޟާން މަސްކަމަށްވާ އިރު ހޫނު ގަދަވުމުގެ ސަބަބުން އިތުރު ދަތިތަކެއް ޕާކިސްތާން ރައްޔިތުންނަށްވަނީ ތަހައްމަލް ކުރަންޖެހިފަ އެވެ. (ރޮއިޓާސް)