ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

އާ ގާނޫނު އަސާސީއަށް ފުރަތަމަ ފަހަރަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ 77 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސް ކުރުމާ ދެކޮޅަށް ދެ މެމްބަރުން ވޯޓު ދެއްވި އެވެ.

އެހާ ބޮޑު އަގުލަބިއްޔަތަކާއެކު އެ އިސްލާހު މަޖިލީހުން ފާސްވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އާއި އިދިކޮޅު އެމްޑީޕީއާއެކު ޖޭޕީގެ މަޖިލިސް މެމްބަރުން ވެސް ވޯޓު ދެއްވުމުންނެވެ.

ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަ ކަމަށްވާ ނަމަ މުޅި މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވެ އެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްޔަތެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އަށް ގެނެސްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ. އެހެންނަމަވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައިކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައި ވެސް ކުރިން ބަޔާންކޮށްފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޝަރުތަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވެސް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ކަމަށެވެ. އެހެންކަމުން މުހައްމަދު ހުށަހެޅުއްވި އިސްލާހު ރައީސްއާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކަށް ވެސް ހިނގާނެ އެވެ.

އަޑުފެތުރިފައިވާ ގޮތުގައި ނަޝީދު ގޭ ބަންދަށް ބަދަލު ކުރީ ގާނޫނު އަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވޯޓު ދޭ ގޮތަށެވެ. އެ އަޑުތައް ފެތުރިފައި ވަނިކޮށް އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު މުހައްމަދު ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ރައްޔިތުން އަޑުތަކަށް ބަލާއިރު ނައިބު ރައީސަކަށް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.