ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގޭ ބަންދުގެ މުއްދަތު ދެ މަހަށް އިތުރު ކުރި ކަމަށް ބުނާ ވާހަކަ ހޯމް މިނިސްޓްރީން ދޮގުކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ މީޑީއާ އޮފިޝަލް ތަޒްމީލް އަބްދުއްސަމަދު "ސަން"އަށް މިރޭ ވިދާޅުވީ ތިން ދުވަހުގެ ގޭ ބަންދެއްގައި ހުންނެވި ނަޝީދުގެ ގޭ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ރަސްމީ އެއްވެސް ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ލަފާގެ މަތިން މިދިޔަ އާދީއްތަ ދުވަހު ގޭ ބަންދަށް ބަދަލު ކުރި ނަޝީދުގެ ތިން ދުވަހުގެ ގޭ ބަންދުގެ މުއްދަތު ހަމަވާނީ މާދަމާ މެންދުރުފަހަަށެވެ.

ތަޒްމީލް ވިދާޅުވީ ގޭ ބަންދުގެ މުއްދަތު އިތުރު ކުރުމާމެދު ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މާދަމާ ގޮތެއް ނިންމަވާނެ ކަމަށެވެ. ގައިދީނާއި ޖަލުތައް ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިންގަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ހޯމް މިނިސްޓްރީގެ މީޑީއާ އޮފިޝަލް ތަޒްމީލް އަބްދުއްސަމަދު-- ސަން ފޮޓޯ

"މިހާރު ފެތުރެމުން އެ ދަނީ ތޯތޯ ވާހަކަތަކެއް. ރަސްމީކޮށް އަދި އެއްވެސް ނިންމުމެއް ހޯމް މިނިސްޓްްރީއަކުން ނުނިންމާ. އެކަމާމެދު ގޮތެއް ނިންމާނީ ވެސް މިހާރު ހުންނެވި ގޭ ބަންދުގެ މުއްދަތު ހަމަވުމުން. އެކަމާ މެދު މާދަމާ މިނިސްޓަރު އަދީބު ގޮތެއް ނިންމަވާނެ،" ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ނަޝީދުގެ އާއިލާ މެމްބަރަކު "ސަން"އަށް މިރޭ ވިދާޅުވީ އެމަނިކުފާނު މިރޭ އޭޑީކޭއަށް ގެންގޮސް ޑޮކްޓަރަކަށް ދެއްކުމުން އިތުރަށް ރެސްޓު ކުރުމަށް ޑޮކްޓަރުން އެދިވަޑައިގެންފައިވާ ކަމަށެވެ. އެ ގޮތުން ދެ މަސް ދުވަސް ވަރު ރަނގަޅު މާހައުލެއްގައި އުޅުއްވުމަށް ލަފާ ދެއްވާފައިވާ ކަމަށްވެ އެވެ.