24 Jun 2015, 01:55
މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް ހާއްސަކޮށްގެން ސަރުކާރުން ދިނުމަށް ނިންމާފައިވާ ލޯނު 208 ދަރިވަރަކަށް މިރޭ ހަވާލުކޮށްފި އެވެ.
ކުއްލިއްޔާގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޑީޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ އެމްބީބީއެސް ލޯނަށް ކުރިމަތިލި 20 ދަރިވަރަކަށާއި ރާއްޖޭގައި މާސްޓާސް ހެދުމަށް 25 ދަރިވަރަކަށް ލޯނު ހަވާލުކޮށްފަ އެވެ.
ރާއްޖޭން ބޭރުގައި މާސްޓާސް ހެދުމަށް 13 ފަރާތަކަށް ވެސް މިރޭ ވަނީ ލޯނު ދީފަ އެވެ. ބާކީ ތިބި ދަރިވަރުންނަކީ ޑިޕްލޮމާގެ އެކި ކޯސްތައް ހެދުމަށް ލޯނު ސްކީމުގައި ބައިވެރިވެގެން އެ ލޯނު ލިބުނު ދަރިވަރުންނެވެ.
ކުއްލިއްޔާގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އެ ލޯނު ސްކީމުގެ ދަށުން ގިނަ ދިވެހިން އެކި ފީލްޑުތަކުން ތަމްރީނު ވެގެން އަންނައިރު ވަޒީފާގެ މާހައުލަށް ތަމްރީނުވެފައިވާ ގިނަ ދިވެހިންތަކެއް ލިބިގެން ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލޯނު ސްކީމު ދަށުން ގިނަ ދަރިވަރުން ގައުމުން ބޭރަށް ދިޔަ ކަމުގައިވިޔަސް އަމިއްލަ ގައުމުގެ އާދަކާދަތަކާއި ސަގާފަތް ހަނދާން ކުރަން ޖެހޭނެ ކަމަށާއި ރަނގަޅު އަހުލާގެއްގެ ވެރި ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.