23 Jun 2015, 23:32
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ތުރީލައިން ވިޕެއް ނެރެފި އެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒު ފަހުމީ "ސަން"އަށް މިރޭ ވިދާޅުވީ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ އުމުރު ބަދަލު ކުރުމުގެ އިސްލާހު ފާސްކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ތުރީ ލައިން ވިޕެއް ނެރުމަށް ނިންމީ މިރޭ ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
އެ ގޮތަށް ނިންމީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައި ދޮޅު ގަޑިއެއްހާއިރު ބަހުސް ކުރުމަށްފަހުގަ އެވެ.
ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލަމެންޓްރީ ގްރޫޕުން ވެސް ވަނީ ނިންމާފަ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނާ އެއްކޮޅަށް އެމްޑީޕީ އާއި ޖޭޕީން ވޯޓު ދީފިނަމަ 81 މެމްބަރުންގެ އަގުލަބިއްޔަތާއެކު އެ އިސްލާހު މަޖިލީހުން ފާސްވާނެ އެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭނުންވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިން ބައި އަގުލަބިއްޔަތެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްޔަތެވެ.
މަޖިލީހުގައި މެމްބަރުން ތަމްސީލު ކުރާ ގޮތް:
- ޕީޕީއެމް: 44 މެމްބަރުން
- އެމްޑީޕީ: 21 މެމްބަރުން
- ޖޭޕީ: 11 މެމްބަރުން
- އެމްޑީއޭ: 5 މެމްބަރުން
- އަދާލަތު: 1 މެމްބަރުން
- އަމިއްލަ މެމްބަރުން: 3 މެމްބަރުން (މެމްބަރު ރީކޯ މޫސާ މަނިކު/ މެމްބަރު އަހުމަދު މަހުލޫފު/ މެމްބަރު ހުސައިން އަރީފް)