03 Mar 2011, 13:45
މާލޭގެ ލޮނު ޒިޔާރަތްކޮޅުން ފެށިގެން ގިރާވަރު ކަނޑުއޮޅިއާ ހަމައަށް ގުޅުވާލެވޭ 12 ކިލޯމީޓަރުގެ މަގެއް، ބްރިޖަކުން ވިލިމާލެ އާއި މާލެ ގުޅައިލުމުގެ މަސައްކަތް މި އަހަރު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްއްވުމުގެ ގޮތުން މިއަދު ބޭއްވި އެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެމަނިކުފާނު ހުށަހެޅުއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ގުޅީފަޅުގައި ޤައުމީ ޔުނިވަސިޓީގެ ކެމްޕަސްއެއް ޤާއިމުކޮށް އެތަނުގައި 2,500 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފަށާނެ ކަމަށެވެ. އަދި 2012ގެ ނިޔަލަށް އެބިމުގައި މީހުން ވަޒަންވެރި ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ލާބައާއި މަންފާ ހިމެނޭ ހުރިހާކަމެއްގައި ސަރުކާރަށް އެއްބާރުލުން ދެއްވުމުގެ އާ ޒަމާނެއް ރައްޔިތުންގެ މަޖިލީހުން ފައްޓަވައިދެއް ވުމަށް މަޖިލީހުގެ މެންބަރުންނަށް ރައީސް އިލްތިމާސް ކުރައްވައި އިއްވެވި ބަޔާނުގައި ވިދާޅުވީ، 2010 ވަނަ އަހަރަކީ، ރާއްޖޭގެ ހާލަތު އެތައް ގޮތަކުން ރަނގަޅުވި އަހަރެއް، ކަމަށެވެ. ވިދާޅުވީ އޭގެ ތެރެއިން އެންމެ މުހިންމު ފުރިހަމަވުމެއް ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވަނީ ލޯކަލް ކައުންސިލްތައް ޤާއިމު ކުރެވުން ކަމަށެވެ. ބައެއް ކައުންސިލްތައް ހިނގައިގަތުމުގައި ހުރަސްތަކެއް ހުރިއިރު އެފަދަ ބޮޑުކަމެއްގެ ތެރޭގައި ހުރަސްތަކާ ދިމާވާނެކަން ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ދިމާވާ ހުރަސްތައް ކަޑަތުކޮށް ޤާނޫނު އަސާސީ ބަޔާންކުރާ ޔުނިޓަރީ ދައުލަތުގެ ސިފައަށް އުނިކަމެއް ލިބުނަނުދީ ލާމަރުކަޒީ ކުރުންކަމަށާއި، ދައުލަތުގެ އިސްތިޤްލާލަށް ބުރޫއެއް އަތުވެދާނެ އެއްވެސް ކަމަކަށް ޖާގަދިނުމަކީ އެމަނިކުފާނުގެ ސަރުކާރަކުން ކުރާނެކަމެއް ނޫން ކަމަށެވެ. އެނގިގެން ނުވަތަ ނޭނގި ނަމަވެސް ވާދަވެރި ޕާޓީތަކުން އެފަދަކަމެއްގެ ތެރެއަށް ނުވަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދަށްވަމުންދާ ދިވެހި ފައިސާގެ އަގު މަތިކުރުމަށް ކުރު މުއްދަތުގައި ކުރަންޖެހޭ މުހިންމު ދެކަމެއް ފާހަގަ ކުރެއްވޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަންކަމަކީ ހެދިފައިވާ ޤާނޫނީ އިމުގެ ތެރެއިން ގަވާއިދުތައް ހަރުދަނާ ކުރުމާއި، ލަސްނުކޮށް އެކަންކަން ތަންފީޒުކުރުމެވެ. އެކަންކަން ކުރުމުގައި ސަރުކާރުން ކުރަންޖެހުނު ކޮންމެ ކަމެއް ފަސްޖެހުމެއްނެތި މިހާރުން މިހާރަށް ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ވެސް ރައީސް ދެއްވެވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލެވުނު ފުރުޞަތުތަކުގެ ތެރެއިން ސަރުކާރުން އަމިއްލަ ފަރާތްތަކަށްދޭ މާލީ އެހީތެރިކަން، މިއަހަރު ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމުގައި، ވިޔަފާރީގެ ފަންނީ އެހީތެރިކަން އިތުރުކުރުމަށް ވެސް 12 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް 2011 އިން 2012 އަށް ހިންގުމަށް ސަރުކާރުން މިހާރު މިވަނީ އިޢުލާނުކޮށްފައި. މީގެއިތުރުން، ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ މަރުކަޒެއް، ކުޅުދުއްފުށީގައާއި އައްޑޫ ހިތަދޫގައި ޤާއިމުކުރެވި، ވިޔަފާރީގައި ހަރަކާތްތެރިވާ 489 ފަރާތަކަށްވަނީ 2010 ވަނަ އަހަރުގެ ތެރޭގައި ތަމްރީނު ދެވިފައި" ރައީސް ވިދާޅުވި އެވެ.
ވިޔަފާރި ވެރިންނަށް ވިޔަފާރި ތަރައްޤީ ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ، މާލީ އެހީ ލިބުމުގެ ދަތިކަންކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހުރަސްތަކަށް ލުއި ހޯދަން 300 މިލިއަން ރުފިޔާގެ ކޮލެޓްރަލް ގެރެންޓީ ސްކީމެއް ތަޢާރުފުކޮށް، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
މަސްވެރި ކަމާއި ދަނޑުވެރި ކަމުގެ މައްޗަށް ވެސް ރައީސް ބައްލަވައިލެއްވެވި އެވެ. އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނު އިޞްލާޙުކޮށް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުމަށް ހުށަހަޅުއްވާނެ ކަމަށެވެ. މިއަހަރަށް ރޭވިފައިވާ ބޮޑެތި ކަންކަމުގެ ތެރޭގައި، ދަނޑުވެރިންނަށް 50 މިލިއަން ރުފިޔާގެ ސަބްސިޑީ ދިނުމާއި، 25 ރަށެއްގެ ދަނޑުވެރިން ބާޒާރަށް ނެރެ ގަވާއިދުން ތަކެތި މާކެޓް ކުރެވޭނޭ މަގު ފަހިކޮށްދިނުމާއި، ދަނޑުވެރިކަމުގެ ތަމްރީނު ދޭން، ލ. އަތޮޅު ގަމުގައި އެގްރިކަލްޗަރ ސްކޫލްގެ އަޅުއްވާނެ ކަމަށެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިޝާރަތް ކުރައްވައި އަމިއްލަ ވިޔަފާރިތަކުން ވެސް މިކަމަށް ބާރުއެޅުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައޯޑިގްރޭޑަބްލް ތަކެތީގެ އިމްޕޯޓް ޑިއުޓީއާއި، ބެޓެރި އާއި އިޢާދަކުރެވޭ ހަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރުން އިމްޕޯޓް ޑިއުޓީ ދަށްކުރުމަށް 2011 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
"ވާލްޑް ބޭންކުން ދޭ 30 މިލިއަން ޑޮލަރުގެ ފަންޑު، އަމިއްލަ ވިޔަފާރިވެރިންނަށާއި ޔުޓިލިޓީ ކުންފުނިތަކަށް ޚާއްޞަކުރެވިގެން ހުޅުވައިލެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ލިބިދޭ މިފަދަ ކުރިއެރުންތައް ސަރުކާރުގެ މަސައްކަތްތަކުގައި ހިމެނިގެން ރައްޔިތުންނަށް ފޯރުވައިދެވޭ ކަރަންޓުގެ ޚިދުމަތުގެ އަގު ހެޔޮކުރުން." ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ، 2011 ވަނަ އަހަރުގެ ނިޔަލަށް މަދަނައިގެ ޚިދުމަތް ލިބޭ މީހުންގެ އަދަދު އެއްލައްކައަށް އިތުރުކޮށް ސްރީލަންކާ އާއި އިންޑިޔާގެ އިތުރުން، "މަދަނަ ޕްލަސް"ގެ ޚިދުމަތް ލިބޭ ޤައުމުތައް ވެސް މިއަހަރު އިތުރު ކޮށްދިނުމެވެ.
ރައީސް ނަޝީދު ވިދާޅުވީ، މުޖުތަމައުގައި މިހާރު ހިނގަމުންދާ ނުރައްކާތެރި އަދި އަނިޔާވެރި ކުށްތަކުން ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ދަށްކުރުމަށާއި، އުފެދެމުން އަންނަ އާ ބާވަތްތަކުގެ ކުށްތައްކަމަށްވާ އިންޓަނެޓްގައި ހިންގާ ޖަރީމާތަކާއި، ހިއުމަން ޓްރެފިކިން އާއި ނާޖާއިޒު ގޮތުގައި ހޯދާ ނުޙައްޤު ފައިސާއަކީ ސާފު ފައިސާކަމަށް ދެއްކުންފަދަ ކުށްތަކަށް އަމާޒުކޮށްގެން، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2011 ން 2013 އަށް އެކުލަވާލައި، އަމަލު ކުރަން ފައްޓަވާނެ ކަމަށެވެ.
މަޖިލީހުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި އދ. ގެ ޞުލްހަ ބަލަހައްޓާ ލަޝްކަރުގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިން ބައިވެރިކުރުމަށް ކުރަންޖެހޭ ކަންކަން މިއަހަރުގެ ތެރޭގައިކޮށް، ސޮއިކުރެވޭނެ ކަމަށާއި ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާދަތީ ބާރު އިތުރަށް ހަރުދަނާ ކުރުރުމަށް މިދިޔަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު އދ. އަށް ހުށަހަޅާފައިވާނެ ކަމަށެވެ. ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަޙައްދު ކަނޑައަޅައި، އދ. ގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، މިމަހު 31 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް އދ. ގައި ވަކާލާތުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.