14 Apr 2010, 14:32
ރާއްޖޭގެ އަބާދީގެ އަށް ޕަސެންޓް މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށާއި އެ މީހުންގެ އަސާސީ ބައެއް ހައްގުތައް ލިބިދިނުމުގައި ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުންވެސް އިހުމާލުވެފައިވާ ކަމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެހަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ކުރި ދިރާސާ ރިޕޯޓަކުން ބުނެފި އެވެ.
ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެހަތުމަށް މިދިޔަ އަހަރުން ފެށިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 24،000 މީހުންނަކީ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނައީ ފެނުމުން މަހުރޫމްވެފައިވާ މީހުނާއި އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނާއި ސިކުނޑީގެ އުނިކަން ހުންނަ މީހުން ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. ނުކުޅެދުންތެރިކަން ހުންނަ އެފަދަ މީހުންގެ ތެރޭގައި ނިސްބަތުން ގިނައީ ފިރިހެނުން ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
ވޭތުވެދިޔަ ދިގު ޒަމާންތަކުން ފެށިގެން މިއަދާ ހަމައަށްވެސް އެ މީހުންނަށް ލިބިދޭންޖެހޭ ބައެއް އަސާސީ ހައްގުތައް ލިބިދިނުމަށް ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުން އަޅާ ބައެއް ފިޔަވަޅުތަކެއްގެ ސަބަބުން އެ ހައްގުތައް ލިބިދިނުމުން އެ މީހުން މަހުރޫމްވެފައިވާ ކަމަށް އެރިޕޯޓްގައި ބުނެފައިވެ އެވެ. ގާނޫނޫ އަސާސީން ލިބިދީފައިވާ ހަމަހަމަކަމުގެ އުސޫލަށް ބެލުމެއް ނެތި، ތައުލީމީ ދާއިރާއިން ވެސް މަހުރޫމްވެފައިވާ ކަމަށާއި އެ ގޮތުން މާލެއާއި އަތޮޅުތެރޭގެ މަދު ސްކޫލެއްގައި މެނުވީ އެފަދަ ކުދިންނަށް އުނގެނުމުގެ ފުރުސަތު ނެތް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.