24 Jun 2015, 01:08
ރާއްޖޭގެ އެންމެ މަޝްހޫރު ކޮމެޑީ ޑްރާމާ ސީރީސް "ދިރިއުޅުމަކީމިއީބާ"ގެ އެޕިސޯޑުގެ ޝޫޓިންގެ ތެރެއިން ގަހަކުން ވެއްޓި ޔޫސުފް ރަފީއު (ޔޫސޭ)ގެ މޭ ކަށިގަނޑުގައި ރެނދުލައިފި އެވެ.
މެދުކެނޑުމަކަށްފަހު "ދިރިއުޅުމަކީމިއީބާ"ގެ އާ ސީރިސްތަކެއް މި ރޯދަ މަހު ތައްޔާރު ކުރުމުގެ މަސައްކަތް ޔޫސޭ ވާނީ ފަށާފަ އެވެ. އަންނަ ހުކުރު ދުވަހަށް ޔޫސޭ ތައްޔާރު ކުރާ ޑްރާމާއަށް ޝޫޓު ކުރަނިކޮށް، ޔޫސޭ ވެއްޓުނީ ސަލްޓަންޕާކުގައި ހުންނަ 20 ފޫޓުގެ ގަހަކުންނެވެ.
ދިވެހިންގެ ދިރިއުޅުމުގެ ނުރަނގަޅު އާދަތަކުން މިސާލު ނަގައިގެން ޔޫސޭ ތައްޔާރު ކުރާ "ދިރިއުޅުމަކީމިއީބާ" މި ރޯދަ މަހު ދައްކަނީ "ސަންގު ޓީވީ" އިންނެވެ. އަންނަ ހުކުރު ދުވަހަށް ޔޫސޭ ތައްޔާރު ކުރާ ޓްރާމާއިން ދައްކައިދޭނީ "ސެލްފީ" ނެގުމުގައި ބައެއް މީހުން ހައްދުފަހަނައަޅާފައިވާ މިންވަރެވެ.
ސަންގުޓީވީގެ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު) "ސަން" އަށް ވިދާޅުވީ ޔޫސޭ ވެއްޓުނީ މި ހަފްތާއަށް ހާއްސަކޮށް ތައްޔާރުކުރާ ދިރިއުޅުމަކީ މިއީބާގެ "ސެލްފީ" އެޕިސޯޑްގެ ޝޫޓިންގެ ތެރެއިން ކަމަށެވެ. އަދި އޭނާ ވެއްޓިފައި ވަނީ ސަލްޓަން ޕާކުގައި ހުންނަ 20 ފޫޓުގެ ގަހަކުން ސެލްފީއެއް ނަގަން އުޅެނިކޮށް ކަމަށް އަސްވާޑު ވިދާޅުވި އެވެ.

ދިރިއުޅުމަކީމިއީބާ "ސެލްފީ" އެޕިސޯޑިގެ ޝޫޓިންގެ ތެރެއިން ވެއްޓި ޔޫސޭގެ މޭކަށިގަނޑު ބިންދައިގެން ގޮސްފައި -- ފޮޓޯ -- އަސްވާޑު
ޔޫސޭ ގަހުން ވެއްޓޭ އެ މަންޒަރު މި ހަފްތާގެ އެޕިސޯޑުގައި ހިމަނާނެ ކަމަށް އަސްވާޑު ވިދާޅުވި އެވެ.
ޔޫސޭއަށް ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗުންނެވެ.
ޔޫސޭއާ ހަވާލާދީ އަސްވާޑު ވިދާޅުވީ ހުއްޓުމެއް ނެތި ދިރިއުޅުމަކީމިއީބާގެ އާ އެޕިސޯޑުތައް ގެނެސްދިނުމަށް ޔޫސޭ އުންމީދުކުރާ ކަމަށެވެ. އަސްވާޑު ވިދާޅުވީ ބަލިހާލުގައި ވެސް އެކަން ކުރެވޭނެ ވަރުގެ ހިތްވަރު ޔޫސޭގެ އެބަހުރި ކަމަށެވެ.