ހަވީރު ފިނި ބުރުގައި އުޅުމުގެ ތެރެއިން މި ރޯދަ މަހު ކޮންމެ ދުވަހަކު ފެންނަ މަންޒަރެކެވެ. ސޯސަންމަގު ދެކުނު ފަރާތަށް ފިރިހެނުންތަކެއް އެއްވެ ފޯރިއާއެކު މޭވާ ކޮށަނީ އެވެ. ވެގެން މިއުޅޭ ގޮތެއް ބަލަން ކައިރިވެލީމެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ފޯރިއާ އެކު މޭވާ ކޮށާތަނެވެ. އާއެކެވެ. މިއީ ރަމަޟާން މަހަށް ހާއްސަކޮށްގެން ދާއިރާގެ ރައްޔިތުންނަށް ތާޒާ ފަނި ދިނުމަށް "ރުކުމާ ފައުންޑޭޝަން" އިން ހިންގާ ހަރަކާތެކެވެ.

މަޖިލިސް މެމްބަރު ރުކުމާ އިސްވެ ހުންނަވައި މި ރޯދަ މަހުގެ ކޮންމެ ދުވަހަކު ހަވީރު 4:00 އިން ފެށިގެން 5:30 އަށް ސޯސަން މަގުގެ ދެކުނު ފަރާތުގައި ތާޒާ މޭވާއިން ފަނި ގިރުމުގެ މަސައްކަތް ކުރިއަށް ގެންދެ އެވެ. އެ ފަނި ގިރުމުގައި ރުކުމާއާ އެކު އެ ދާއިރާގެ އެހެން ފަރާތްތަކުން ވެސް ބައިވެރިވެ އެވެ. އެކަން ކުރަނީ ބަދަހި ގުޅުމަކާ އެކު އެވެ. އެ ތާޒާ ފަނި ގިރައި ފިނި ކުރުމަށް ފަހު "ކޫލަރު"ތަކުގައި ގެންދަނީ އަމީރު އަހުމަދު ސްކޫލު ކައިރި ހުންނަ "ޝަހީދު އަލީ" މިސްކިތަށެވެ.

"މިގޮތަށް ތާޒާކޮށް ފިނިކޮށްލާފައި ފޮނުވުމަކީ ވަރަށް ގިނަ ބައެއްގެ އެދިލެއްވުމާ އެކު ކުރާ ކަމެއް،" ރުކުމާ ވިދާޅުވި އެވެ.

މި އަހަރުގެ ވޭތުވެ ދިޔަ ހަ ރޯދައިގައި ވެސް ވަނީ އެގޮތަށް ފަނި ތައްޔާރުކޮށް އެ މިސްކިތަށް ގެންގޮސްފަ އެވެ. މިހާތަނަށް ތައްޔާރުކޮށްފައި ވަނީ އޮރެންޖާއި ކުރުނބާގެ އިތުރުން އަލަނާސި ފަންޔާއި ފޭރާއި އަނބުގެ އިތުރުން ކަރާ ފަންޏެވެ. ކޮންމެ ދުވަހަކު ވެސް 150 މީހުންނަށް ވާވަރުގެ ފަނި އެ މިސްކިތައް ގެންދެ އެވެ. އެގޮތަށް މި ރޯދަ މަހު ކޮންމެ ދުވަހަކު އެކަން ކުރިއަށްގެންދާނެ ކަމަށް ރުކުމާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ވަކި ފަންޏެއް މި ހަދަނީ، ދެން އެ ޑަބަލްވެސް ވާނެތާ، މިއަދު ކަރާ، މާދަން އިންނާނީ ފެޝަން ފުރުޓް، އޭގެ އަނެއް ދުވަހު ގުރޭޕްސް [މޭބިސްކަދުރު]، ތިރީސް ދުވަސް އިންނައިރު ކޮންމެ ދުވަހަކު ވެސް ކުރާނެ ކަމެއް މިއީ،" އެ މަސައްކަތް ކިޔައިދެމުން ރުކުމާ ވިދާޅުވި އެވެ.

ރުކުމާ ފައުންޑޭޝަން އިން ކޮންމެ އަހަރަކު ވެސް ރޯދަމަހު މިސްކިތަށް ތަކެތި ފޮނުވަ އެވެ. ނަމަވެސް މިއީ ތާޒާ މޭވާ ފޮނުވާ ފުރަތަމަ ފަހަރެވެ. ރުކުމާ ވިދާޅުވާ ގޮތުގައި މީގެ ކުރީ އަހަރުތަކުގައި ފުޅި އާއި ދަޅު މިސްކިތްތަކަށް ފޮނުވުމުން ރޯދަވިއްލުމަށް އެތަކެތި ބޭނުން ނުކޮށް ފަހުން ބުއިމަށް ބަހައްޓާ ކަން ފާހަގަކުރެވުނެވެ.

ރުކުމާގެ އިސްނެގުމާ އެކު ކުރިއަށް ގެންދާ ހަރަކާތާ އެކު ޝަހީދު އަލީ މިސްކިތުން ތާޒާމީރު މޭވާތަކުގެ ފަނި ރޯދަ ވިއްލުމަށް ލިބޭނެ އިންތިޒާމް މި ވަނީ ހަމަޖެހިފަ އެވެ. އެއީ އެ ދާއިރާގެ އެތައް ބަޔަކާއި އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ރުކުމާ ވިދާޅުވާ ގޮތުގައި މަގުމައްޗަށް ނުކުމެ ވީހާ ވެސް ގިނަ ބަޔަކަށް ފެންނަ ގޮތަށް އޭނާ އެކަން ކުރަނީ ބަޔަކަށް މިސާލު ދެއްކުމަށް ކަމަށެވެ.

"މިކަން މި ކުރަނީ އަޅުގަނޑުމެން ޒުވާނުންނަށް އިބުރަތަކަށް، އަޅުގަނޑުމެން އަބަދަކު ނުތިބޭނެދޯ މަގާމަކު ވެސް ދުނިޔެއަކު ވެސް، މިއީ ހަމަ އެމީހަކަށް ލިބޭ މިންވަރަކުން އެ މީހަކު ޖެހޭނެތާ ކަންތައްތަކަށް ހަރަދު ކުރަން،" ރުކުމާ ވިދާޅުވި އެވެ.

ރުކުމާ އާދަޔާ ހިލާފު ގޮތަކަށް އެ ސަދަގާތް ކުރުމަށް މަސައްކަތް ކުރަމުންދާ އިރު މަޖިލިސް އެހެން މެމްބަރުން ވެސް ވަނީ އެފަދަ ދީލަތި އެހީތައް ދެއްވާފަ އެވެ. އެގޮތުން ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް އެހީއެއް ފޯރުކޮށްދިނުމުގެ ގޮތުން ތ. އަތަޮޅު ކޮންމެ ރަށަކަށް ހަތިމާއި ތ. ކިނބިދޫ ދާއިރާގެ ކޮންމެ ގެއަކަށް ފަސް ކިލޯ ބާސްމަތީ ހަނޑޫ ބަސްތާއެއް އެދާއިރާގެ މެމްބަރު އަބްދުއްﷲ ރިޔާޒު ބަހާފައިވެ އެވެ. ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ އެ ދާއިރާގެ ކޮންމެ ގެއަކަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފައިވެ އެވެ. މިދިޔަ ރޯދަމަހު ވެސް މުސްތަފާ ވަނީ އެ އެހީ ހަމަ ދެއްވާފަ އެވެ.

ރޯދަމަހާ ގުޅިގެން ރޯދަވިއްލަން މިސްކިތްތަކަށް ފޮނުވުމާއި އަވައްޓެރިންނަށާއި ނިކަމެތިންނަށް ހަދިޔާ ކުރުމަކީ ވެސް މިމާތް މައްސަރުގައި ސަވާބާއި ދަރުމަ ހޯދޭނެ ކަންކަމެވެ. މިއީ މާތްވެގެންވާ އިސްލާމު ދީނުގައި ބާރު އަޅާ ކަމެކެވެ.

އައްޝެއިހް އިބްރާހިމް ފަހުމީ ދީދީ ވިދާޅުވި ގޮތުގައި ރޯދަމަހު ސަދަގާތް ކުރުމަކީ އެކަމުން ވަރަށް ބޮޑު ސަވާބާއި ދަރުމަ ލިބޭ ކަމެއް ކަމަށާއި އިސްރާފް ކުރުމުގެ ބަދަލުގައި ފަގީރަކަށް ނިކަމެއްޗަކަށް އިސްރާފް މިކުރެވޭ ބައި ދެވިއްޖެ ކަމަށްވާ ނަމަ އެއީ ވަރަށް ދަރުމަ ހުރިކަމެއް ކަމަށެވެ.

އެހެންކަމުން މަޖިލިސް މެމްބަރުން ރޯދަ މަހާއި ގުޅިގެން މި ދައްކާފައިވާ ރީތި މިސާލުން ތަނަވަސް ފަރާތްތަކުން އިބްރާތް ހާސިލް ކުރަން ޖެހެ އެވެ. މި އިސްލާމީ މުޖުތަމައުއަކީ އެކަކު އަނެކަކަށް އެހީތެރިވާ މުޖުތަމައަކަށް ހަދަންޖެހެ އެވެ. އެކި ފަރާތްތަކަށް އެކިގޮތްގޮތަށް އެހީތެރިވެވިދާނެ އެވެ. ރުކުމާ ފާހަގަ ކުރެވެނީ ތާޒާ ފަނި ފޯރުކޮށް ދޭ މެމްބަރެއްގެ ގޮތުގަ އެވެ.