ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތުރީލައިން ވިޕެއް ނެރެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތުރީލައިން ވިޕެއް ނެރުނީ މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ހުސައިން ޝަހުދީ "ސަން"އަށް މިރޭ ވިދާޅުވީ އެ އިސްލާހު ފާސްކުރުމަށް ޖުމްހޫރީ ޕާޓީން މިރޭ ތުރީ ލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޕީޖީއިން މިނިންމީ ތުރީލައިން ވިޕެއް މާދަން ގުރީންގައި ގާނޫނު އަސާސީއަށް ހުށައެޅުނު އިސްލާހަށް،" ޝަހުދީ ވިދާޅުވި އެވެ.

ޖޭޕީން ތުރީލައިން ވިޕެއް ނެރެފައިވާއިރު އިސްލާހަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންނަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އާދޭހާއެކު އެދިވަޑައިގެންފަ އެވެ.

ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންނާ އެއްކޮޅަށް ޖުމްހޫރީ ޕާޓީގެ 11 މެމްބަރުން ވޯޓު ދީފިނަމަ ޖުމްލަ ވޯޓުގެ އަދަދު 60 އަރާނެ އެވެ. ނަމަވެސް ގާސިމް ރާއްޖެއިން ބޭރުގައި ހުންނެވުމުން، އެމަނިކުފާނަށް ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވޭނެތީ އެ އަދަދު 59 ވޯޓަށް ވެއްޓޭނެ އެވެ. އެހެންކަމުން އިތުރަށް ބޭނުންވަނީ ފަސް ވޯޓެވެ.