ރާއްޖޭގެ ކަންތައްތައް ބަލާއިރު އިންސާފުވެރި ވުމަށް ސަރުކާރުން އެމްނެސްޓީ އިންޓަނޭޝަނަލް އަށް ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ އެއްފަރާތަކަށް ޖެހިގެން ރާއްޖެއާ ބެހޭ ވާހަކަތައް ދުނިޔެއަށް ފެތުރުމަކީ ސަރުކާރާ އެމްނެސްޓީއާ ދޭތެރޭ އޮތް އިތުބާރު ރަނގަޅުވާނެ ކަމެއް ނޫން ކަމަށެވެ.

"...އަޅުގަނޑު ބޭނުންވަނީ ހަމަ އެމްނެސްޓީގެ ބޭފުޅުންނަށް ދަންނަވައިލަން އަޅުގަނޑުމެން މިތިބީ އެބޭފުޅުންނާ އެކީގައި އަޅުގަނޑުމެންގެ 'އެންގޭޖްމަންޓް ފަސްޓް ޕޮލިސީ'ގެ ދަށުން ނުވަތަ ކޮންސްޓްރަކްޓިވްކޮށް [ބިނާކުރަނިވި ގޮތަކަށް] އެންގޭޖްކޮށްގެން އެބޭފުޅުންނާ އެކީގައި މަސައްކަތްކުރަން ތައްޔާރަށޭ. އަޅުގަނޑުމެން ވެސް އުއްމީދުކުރަމޭ އެބޭފުޅުން ވެސް އަޅުގަނޑުމެންނަށް އެވަރުގެ ރެސްޕެކްޓެއް ދެއްވާނެ ކަމަށް، އަޅުގަނޑުމެންނާ އެކީގައި، އަޅުގަނޑުމެންގެ ވާހަކަތައް އަޑު އައްސަވައި އަދި ފެއާކޮށް [އިންސާފުވެރިކޮށް] ރާއްޖޭގެ ހާލަތު އެސެސް ކުރައްވައި އެހެން ތަންތަނާ ހިއްސާ ކުރައްވާ މައުލޫމާތުތައް ހިއްސާކުރައްވާނީ ތަންކޮޅެއް ޒިންމާދާރުގޮތެއްގައި ކަމުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އެމްނެސްޓީން ރާއްޖޭގައި މިހާތަނަށް މަސައްކަތްކޮށްފައި ވަނީ ވަރަށް ބޮޑަށް އެއްފަރާތަކަށް ޖެހިގެން ކަމަށެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު އެޖަމާއަތުގެ ބޭފުޅުން ރާއްޖެއަށް ވަޑައިގެންނެވި އިރު ދެއްވި ތާރީހުތަކަކީ ފަސޭހަ ތާރީޚުތަކެއް ނޫންކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް ވަޑައިގެންނެވުމަށް ފަހު ސަރުކާރުން އެބޭފުޅުންނާ ބައްދަލު ނުކުރި ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެފަހަރު އެމްނެސްޓީ އިން ރިޕޯޓް އެކުލަވައިލީ އިދިކޮޅު ފަރާތްތަކާއި އެކަނި ވާހަކަ ދައްކައިގެން ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

ފާއިތުވި ހުރިހާ އަހަރެއްގައި އެމްނެސްޓީން އެގޮތަށް އަމަލުކޮށްފައި ވީ ނަމަވެސް މިފަހަރު އެޖަމާއަތަށް މިފަހަރު އެހީތެރިވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

"... މިދިޔަ ހުރިހާ އަހަރުތަކެއްގައި އެމްނެސްޓީގެ އަމަލުތައް މިހެން ބަހައްޓާފައި ހުރި ކަމުގައި ވިޔަސް ސަރުކާރުން މިދަނީ އެހީތެރިވަމުން. އަޅުގަނޑު އެމީހުންނާއި ބައްދަލުކުރާނަން. އަދި އަޅުގަނޑުގެ ހުރި އެމީހުންގެ މަސައްކަތާ ގުޅޭ ކޮންސާންތައް ވެސް އެމީހުންނާ ހިއްސާކުރާނަން،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އެމްނެސްޓީން ބައްދަލުކުރަން އެދިފައިވާ ސަރުކާރުގެ އެހެން ފަރާތްތަކާއި އެކުގައި ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމުވެސް ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ.

ރާއްޖެއަކީ ޅަފަތުގައި އޮތް ޑިމޮކްރަސީއެއް ކަމަށާއި ހަރުދަނާ ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

"އަނެއްކާ ވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ރާއްޖެއަކީ ޔަންގް ޑިމޮކްރަސީއެކޭ، ޅަފަތުގައި އޮތް ޑިމޮކްރަސީއެކޭ. ހަރުދަނާ ކުރަން ހުރި ކަންތައްތަކެއް އެބަހުރިކަން އަޅުގަނޑުމެން އެންމެންވެސް އެބަ އެއްބަސްވަން،" ދުންޔާ ވިދާޅުވިއެވެ.