23 Jun 2015, 22:36
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމަށް މާދަމާގެ ޖަލްސާގައި ވޯޓު ދެއްވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަޝްވަރާގެ މަތިން، ޕާޓީން ނިންމާ ގޮތަކަށް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. ރައީސް ނަޝީދުގެ މަޝްވަރާގެ މަތިން މާދަމާ ވޯޓު ދިނުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ޝާހިދު ވިދާޅުވިއިރު، 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ނަޝީދު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ނަޝީދު ގޭ ބަންދަށް ބަދަލު ކުރީ އެމަނިކުފާނު ބެއްލެވި އޭޑީކޭގެ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.
އަޑުފެތުރިފައިވާ ގޮތުގައި ނަޝީދު ގޭ ބަންދަށް ބަދަލު ކުރީ ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވޯޓު ދޭ ގޮތަށެވެ. އެ އަޑުތައް ފެތުރިފައި ވަނިކޮށް އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު މުހައްމަދު ބައެއް މީޑިއާ ތަކަށް ވިދާޅުވެފައި ވަނީ ރައްޔިތުން އަޑުތަކަށް ބަލާއިރު ނައިބު ރައީސަކަށް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
މާދަމާގެ ޖަލްސާގައި ވޯޓަށް އަހާ އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ، ރައީސް ޔާމީން އަބްދުލް ގައްޔޫމް އެންމެ އިތުރުބާރު ކުރައްވާ ވަޒީރު، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނައިބު ރައީސް ކަމަށް ގެނައުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ. ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން ރައީސާއި ނައިބު ރައީސްގެ މަގާމު ފުރުއްވޭނީ އުމުރަކީ 35 އަހަރުވުމުންނެވެ.
ޓޫރިޒަމް މިނިސްޓަރުގެ އަހުމަދު އަދީބުގެ އުމުރަކީ 34 އަހަރެވެ. އެހެންކަމުން ގާނޫނު އަސާސީއަށް މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްވެގެން ނުނީ އޭނާ ނައިބު ރައީސް ކަމަށް ނުގެނެވޭނެ އެވެ.
ނައިބު ރައީސް ޑރ. ޖަމީލު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ.
ނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވެ އެވެ. އެއީ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްޔަތެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ އިސްލާހު މާދަމާގެ ޖަލްސާއިން ފާސްކުރެވޭނީ އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންނާ އެއްކޮޅަށް ޖުމްހޫރީ ޕާޓީގެ 11 މެމްބަރުން ވޯޓު ދީފިނަމަ ޖުމްލަ ވޯޓުގެ އަދަދު 60 އަރާނެ އެވެ. ނަމަވެސް ގާސިމް ރާއްޖެއިން ބޭރުގައި ހުންނެވުމުން، އެމަނިކުފާނަށް ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވޭނެތީ އެ އަދަދު 59 ވޯޓަށް ވެއްޓޭނެ އެވެ. އެހެންކަމުން އިތުރަށް ބޭނުންވަނީ ފަސް ވޯޓެވެ.