23 Jun 2015, 21:25
ރާއްޖޭގައި ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކުވެރި ދައުލަތް (އދ)ގެ ސެކްރެޓަރީ ޖެެނެރަލް ބަންކީ މޫންގެ އަރިހުގައި ވިދާޅުވެއްޖެ އެވެ.
ބަންކީ މޫން އާއި ރައީސް ޔާމީން މިރޭ އިރާކޮޅު ވަނީ ފޯނުން ގުޅުއްވައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ "ސަން"އަށް މިރޭ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށާއި ނަމަވެސް ޖިނާއީ ކުށްވެރިންގެ ތެރޭގައި ސިޔާސީ ފަރާތްތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
"ރާއްޖޭގައި ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ، ނަމަވެސް ޖިނާއީ ބޮޑެތި ކުށްވެރިންގެ ތެރޭގައި ބައެއް ސިޔާސީ ފަރާތްތައް ހިމެނޭ،" ރައީސްގެ ވާހަކަ ފުޅުގެ ތަފްސީލް ދެއްވަމުން މުއާޒު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު އިތުރަށް ފިނި ކުރުމަށް ޓަކައި އދ.ގެ އެއްބާރުލުން ފާހަގަކޮށް އދ.ގެ ހާއްސަ ޓީމެއް ރާއްޖެ ވަޑައިގަތުމަށް ރައީސް ޔާމީން ދައުވަތު ދެއްވި ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
ޓެރަރިޒަމް ކުށުގައި 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އދ.ގެ "ވޯކިން ގުރޫޕް އޮން އާބިޓްރީ ޑިޓެންޝަން" އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެކަމަށް ޖަވާބުދާރީ ވުމަށް އދ. އިން ވަނީ މިހާރު ސަރުކާރަށް އަންގާފަ އެވެ.