އައިޖީއެމް ހޮސްޕިޓުގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހެއްގެ ދަރިފުޅު ބޮޑުކަމުން ނުވިހި ގިނައިރުވެ، މައިމީހާގެ ފުރާނަ އަށް ގެއްލުންވެދާނެ ކަމަށް ޑޮކްޓަރުންނަށް ފެންނާތީ ތުއްތު ކުއްޖާގެ ކަރު ބުރިކޮށްލައިގެން ބޯ ވަކިކުރުމަށް ފަހު، ހަށިގަނޑި ސިޒޭރިއަން ހަދައިގެން ނަގައިފި އެވެ.

ދ. ބަނޑިދުއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އެ އަންހެން މީހާގެ ފިރިމީހާ ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ، އެ ކުއްޖާގެ ކަރު އެއްކޮށް ބުރިކޮށްލީ ކުއްޖާ މަރުވި ކަން ޑޮކްޓަރުންނަށް ޔަގީން ވުމަށް ފަހު ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށެވެ. އަދި ކުއްޖާގެ ބޯ ވަކިކުރުމަށް ފަހު، ހަށިގަނޑު ނަގައިފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ، އަންހެނުން ގޮވައިގެން މާލެ އައީ ވެސް، ކުއްޖާ ބޮޑުވުމުން ނުވިހޭނެކަމަށް ރަށު ހޮސްޕިޓަލުން ބުނެފައިވާތީ ކަމަށެވެ.

"ވޭމަންޑޫ އަތޮޅު ހޮސްޕިޓަލަށް ދެއްކީމަ އެމީހުން ބުނީ އަވަހަށް މިކޮޅަށް ]މާލެ[އައިސްފަ ދައްކަން. ސިޒޭރިއަނަކަށްދާން އެމީހުން ވެސް ސީދާ ނުބުނޭ. ބުނީ މިކޮޅަށް ދައްކާށޭ. މިކޮޅުގައިތާ ކޮލިޓީ ޑޮކްޓަރުން ވެސް ތިބޭނީ. އެހެންވީމާ މާލެގެނައީ މިދިޔަ މަހު ނުވައެއްގައި. އައިޖީއެމްއެޗްގައި އެޑްމިޓްކުރީ 13 ވަނަ ދުވަހު. އިއްޔެ ވިހަން އޮތީ. އެހެންވެ ރޭ 10:30 އެހާކަންހާއިރު ލޭބާ ރޫމަށް ވެއްދީ. އެކަމަކު ނުވިހުނު. ދެން މިއަދު ހެނދުނު އަނެއްކާ 9:00 ޖަހަން އުޅެނިކޮށް އިންޖެކްޝަން ޖަހައިގެން ވިއްސޭތޯ ބެލީ. އެކަމަކު ދެން ގާތްގަނޑަކަށް 11:00 ޖަހަން އުޅެނިކޮށްހެން އަޅުގަނޑު ހަދާންވަނީ ޑޮކްޓަރު ނުކުމެ ބުނީ ވަރަށް ސީރިއަސްއޭ. ދަރިފުޅު މަރުވެއްޖޭ ވިހެއުމުގެ ތެރޭގައި. މައިމީހާ ސަލާމަތްކުރެވޭނީ ދަރިފުޅު ކަރުބުރިކޮށްލައިގެންނޭ. އިތުރު ޗޮއިސްއެއް ނެތޭ،"އެ ދެމަފިރިންނަށް ލިބުނު އަލަތު ދަރިފުޅާ ގުޅޭ ގޮތުން ކުއްޖާގެ ބައްޕަ ބުންޏެވެ.

"އެކަމަކު ރޭވެސް ނުބުނޭ ސިޒޭރިއަނަކަށްދާން. މިއަދު އިރުއެރިއިރު ވެސް ނުބުނޭ. ދެން ސިޒޭރިއަނަކަށްދާންވީނުންހޭ، މިއޭ ވައިފްގެ ]އަންހެނުންގެ[ ކޮންޑިޝަނަކީ ކިޔައިފައި ވެސް ]ޑޮކްޓަރުން[ އެއްޗެކޭ ނުބުނޭ،" އުމުރުން 25 އަހަރުގެ އެ ފިރިހެންމީހާ ބުންޏެވެ.

އޭނާ ބުނީ، ކުއްޖާ ސަލާމަތްކުރެވޭތޯ އައިޖީއެމްއެޗްގެ ތިން ޑޮކްޓަރަކާއި ތިން ގައެނެކޮލޮޖިސްޓަކު މަސައްކަތްކުރި ކަމަށެވެ.

"އަސްލު އެމީހުން ބެލީ ޖެލްޖަހައިގެން ވިއްސޭތޯ. ބުނީ ނުވިއްސެއްޖެއްޔާއޯ ސިޒޭރިއަން ހަދާނީ. އެކަމަކު ސިޒޭރިއަން ހަދަން ވަގުތު ނުވީދޯއެ. އެވަރުގެ ރިސްކެއް ހަމަ ނެގީއޭ ބުނެވޭނީ،" އޭނާ ބުންޏެވެ. އޭނާ ބުނީ އަންހެނުންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. "އަނބިމީހާގެ ހާލު މިހާރު ރަނގަޅު. އެކަމަކު ހޭނެއްތާ އިންޖެކްޝަން ޖަހައިފަ އޮތީމަ ރަނގަޅަށް ހޭނާރާ،"

ބަރުދަނުގައި ހަތަރު ކިލޯ ހުރި އެކުއްޖާ ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު އާސަހަރާގައި ވަޅުލައިފަ އެވެ. އާ ސަހަރައިގަ ހުރެ ކުއްޖާގެ އާއިލާގެ މީހަކު ބުނީ، "ކުއްޖާގެ ކަރު ވަށައިގެން ފަހާފައި"ވާ ކަމަށެވެ.

ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓާ ޒީނަތު އަލީ ހަބީބު ވިދާޅުވީ، އޭނާ އަށް ވެސް އެ މައުލޫމާތު ލިބުނީ އާއިލާގެ ފަރާތުން ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ހޮސްޕިޓަލުން ބަޔާނެއް ނެރޭނެ ކަމަށެވެ. ނަމަވެސް، އަދި އެ ބަޔާން ލިބިފައެއް ނުވެ އެވެ.

ކުއްޖާމަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލެއްވާކަމަށް ފެންނާތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށް އާއިލާގެ ފަރާތުން ބުނެ އެވެ. ނަމަވެސް، ފުލުހުން ވަނީ އެ ތަހުގީގާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އަދި ދެވެން ނެތް ކަމަށް ބުނެފަ އެވެ.

"އެ ތަހުގީގު ކުރިއަށްދާކަން ވަރަށް އުނދަގޫ، އެހެން ބުނަން." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގެ ތާރީހުގައި ކުރިން ވެސް އެފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ހިނގި އެ ހާދިސާގައި މައިމީހާ ސަލާމަތްކޮށްފައި ވަނީ ކުއްޖާގެ ބޯވަކިކޮށްގެންނެވެ.
----------



15:16

އާއިލާ އިން ބުނީ ކުއްޖާ އާ ސަހަރާގައި ވަޅުލުމުގެ ކަންތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެއީ ކުއްޖާ ވަޅުނުލައި ބޭއްވުމުގެ ބޭނުމެއް ނެތުމުން ކަމަށެވެ. އަދި ބުނީ ކުއްޖާގެ ކަރު ބުރިކޮށްލުމަށް ފަހު ވަށައިގެން ފަހާފައިވާ ކަމަށެވެ.

15:10
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި ކަމުގެ މައުލޫމާތު ހޮސްޕިޓަލުގެ ފަރާތުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ކޮމެންޓެއް ކުރައްވަން އަދި ބޭނުން ނޫން ކަމަށެވެ.

14:46
ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓާ ޒީނަތު އަލީ ހަބީބު ދެންމެ ވިދާޅުވީ އޭނާ އަށް ވެސް އެ މައުލޫމާތު ލިބުނީ އާއިލާގެ ފަރާތުން ކަމަށާއި ޑޮކްޓަރުން އަދި ތިއްބެވީ ތިއޭޓަރުގައި ކަމަށެވެ. އެހެންކަމާ އެކު ޑޮކްޓަރުންނާ އަދި ވާހަކަ ނުދެއްކޭތީ އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

13:46
އައިޖީއެމް ހޮސްޕިޓަލަށް ވިހަން ވެއްދި މީހެއްގެ ދަރިފުޅު ބޮޑުކަމުން ނުވިހި ގިނައިރުވެ، މައިމީހާގެ ފުރާނަ އަށް ގެއްލުންވެދާނެ ކަމަށް ޑޮކްޓަރުންނަށް ފެންނާތީ ތުއްތު ކުއްޖާގެ ކަރުބުރިކޮށްލައިގެން މިއަދު ހެނދުނު ނަގައިފި ކަމަށް އާއިލާ އިން ބުނެފި އެވެ.

ދ. ބަނޑިދުއަށް ނިސްބަތްވާ އެ އަންހެން މީހާގެ ފިރިމީހާ ސަން އަށް މައުލޫމާތު ދެމުން ދެންމެ ބުނީ، އެ ކުއްޖާގެ ކަރު އެއްކޮށް ބުރިކޮށްލީ ކުއްޖާ މަރުވި ކަން ޑޮކްޓަރުންނަށް ޔަގީން ވުމަށް ފަހު ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށެވެ.
ނަމަވެސް ހޮސްޕިޓަލުންނާއި ފުލުހުންގެ ފަރާތުން އަދި ވަނީ އެކަމާ ބެހޭ ގޮތުން ކޮމެންޓެއް ލިބޭގޮތް ނުވެފަ އެވެ.

އާއިލާ އިން ބުނީ މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން އޮޕަރޭޝަން ތިއޭޓަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ކުއްޖާގެ ބައްޕަ ބުނީ އެ ދެމަފިރިންގެ އަލަތު، އަދި ފިރިހެން ދަރިފުޅު ވަޅުލުމުގެ ކަންތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ތ. ކިނބިދު އަށް ނިސްބަތްވާ އެ ފިރިހެންމީހާ ބުނި ގޮތުގައި، ވިހެއުމަށް އޭނާގެ އަންހެނުން ގޮވައިގެން މިދިޔަ މަހުގެ 9 ވަނަ ދުވަހު މާލެ އައީ، ތ. ވޭމަންޑޫ އަތޮޅު ހޮސްޕިޓަލުގެ ލަފާގެ މަތިން ކަމަށެވެ.

"ބަނޑުގައި އޮތް ދަރިފުޅު ވަރަށް ބޮޑުކަމަށް އެ ހޮސްޕިޓަލުން ވެސް ބުނި. ބުނީ މާލެ ގެންދާށޯ ޖެހޭނީ. މާލޭގައި ވިއްޔާ ކޮލިޓީ ޑޮކްޓަރުން ވެސް ތިބޭނީ. އެ ހޮސްޕިޓަލުން ވެސް ބުނި ފަހަރެއްގައި ސިޒޭރިއަން ހަދަންށޭ ޖެހޭނީ،" އުމުރުން 25 އަހަރުގެ އެ ފިރިހެންމީހާ ބުންޏެވެ.

އޭނާ ބުނީ އައިޖީއެމްއެޗްގައި އަނބިމީހާ އެޑްމިޓްކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށާއި އެ އަންހެންމީހާ ވިހާނެ ކަމަށް ބެލެވުނީ އިއްޔެ ކަމަށެވެ. ނަމަވެސް، އިއްޔެ ހެނދުނު 7:30 އެހާކަންހާއިރު އަންހެނުން ވިއްސަން ވެއްދިއިރު ވެސް، ދަރިފުޅު ބޮޑުވުމުގެ ސަބަބުން ސިޒޭރިއަނެއް ހަދަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިނުވާ ކަމަށާއި ނަރުހުންނާއި ޑޮކްޓަރުން މަސައްކަތްކުރީ ޖެލް ބޭނުންކޮށްގެން އަންހެނުން ވިއްސޭތޯ ކަމަށް އޭނާ ކިޔައިދިނެވެ.

"ޖެލް ޖަހައިގެން ވިއްސޭތޯ ބެލީ. އެކަމަކު ނުވިއްސުނު އެފަހަރު ވެސް." އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއަދު ހެނދުނު 9 ޖަހަން އުޅެނިކޮށް އަންހެނުން އަނެއްކާ ވެސް ވިއްސާ ކޮޓަރިއަށް ވައްދައި ތަދުވާ އިންޖެކްޝަން ޖަހައިގެން ޑޮކްޓަރުން ވިއްސަން މަސައްކަތްކުރި އެވެ. ނަމަވެސް، ވަރަށް ގިނަ އިރުވީ އިރު ވެސް ނުވިހުނު ކަމަށާއި ގާތްގަނޑަކަށް 11:00 ޖަހަން އުޅެނިކޮށް، ޑޮކްޓަރަކު ވަޑައިގެން ދަރިފުޅު ވިހެއުމުގެ ތެރޭ ތާށިވެ، މަރުވެފައިވާ ކަމަށް ވިދާޅުވި ކަމަށް އެ ފިރިހެންމީހާ ބުންޏެވެ.

އަދި ދަރިފުޅުގެ ކަރުބުރިކޮށްލައިގެން ނުނަގައިފި ނަމަ، އަނބިމީހާގެ ފުރާނަ ސަލާމަތްނުކުރެވޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ވެސް އޭނާ ބުންޏެވެ.

"ދެން އަޅުގަނޑުމެން ކިހިނެތްތޯ ހަދާނީ. އަންހެންމީހާ އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔައީ. ގެންގޮސް، ދަރިފުޅު ކަރުއެއްކޮށްބުރިކޮށްލީ ކަމަށް ބެލެވެނީ. ދެން ސިޒޭރިއެން ހަދައިފައި ނެގީ،" އެ ފިރިހެންމީހާ ކިޔައިދިނެވެ. "އަނބިމީހާ މިހާރު ރަނގަޅު. ހޭނައްތާ އިންޖެކްޝަން ޖަހައިފައި އޮތީމާ އަދިވެސް ހޭނާރާ. އަހަރެން އެއްފަހަރު ނަމުން ގޮވާލީމަ ބަލައިލި. އެކަމަކު އަދިވެސް ވަރަށް ބަލި،" 24 އަހަރުގެ އަނބިމީހާއާ ބެހޭ ގޮތުން އޭނާގެ ފިރިމީހާ ބުންޏެވެ.