ނައިބު ރައީސްގެ މަގާމު ބަދަލުކުރާ ކަމަށްވަންޏާ އެ މަގާމު ދެއްވަންޖެހޭނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ އަދީބު ނައިބު ރައީސް ކަަމަށް ގެންނަން ގިނަ ޒުވާނުންނާއި ރައްޔިތުން އެދޭ ކަަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އެއްވެސް ބަދަލެއް ގެންނަ ކަމަށްވާނަމަ އޭގެ އެންމެ ފުރިހަމަ އެންމެ ވަރުގަދަ ކެންޑިޑޭޓަކީ، އެމަގާމު އެއީ ހަމަ ސީދާ އަހުމަދު އަދީބަށް ދެއްވަންޖެހޭ މަގާމެއް ކަމަށް އަޅުގަނޑަށް ހަމަ ސީރިއަސްކޮށް ގަބޫލުކުރެވޭ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވަނީ ރޭގެ ޕްރޮގްރާމްގައި ވަރަށް ބޮޑަށް އަދީބަށް ތައުރީފްކޮށްފައެވެ. އޭނާ ވިދާޅުވީ މިނިސްޓަރު ކަމާއި އިކޮނަމިކް އެންޑް ޔޫތު ކައުންސިލްގެ ކޯޗެއާގެ އިތުރުން އަދީބު ނުފެންނަ އެއްވެސް ތަސްވީރެއް ސިޔާސީ ގޮތުން ނާންނަ ކަމަށެވެ.

"ރައީސް ޔާމީނުގެ ކާމިޔާބީ މި މަސައްކަތްޕުޅުގައި އިގްތިސާދީގޮތުން ޚާއްސަކޮށް، ޕާޓީގެ މަސައްކަތުގައި އަހުމަދު އަދީބުގެ ދައުރެއް ނެތް އެންމެ މަސައްކަތެއް ވެސް އަަަދި އެހެންމެ ދުވަހެއް ވެސް ނުދޭ،" ނިހާން ވިދާޅުވިއެވެ.

އަހްމަދު އަދީބު ރައީސް ޔާމީނާ އެކު ރަސްމިއްޔާތެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދީބު ނައިބު ރައީސް ކަމަށް އައުމަކީ 2018 ވަނަ އަހަރު ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުުރުމަށް ވެސް 'ހެޔޮ ފާލެއް' ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމް އިން ބައިިލެކްޝަންތައް ކާމިޔާބު ކުރުމުގައި އަދީބުގެ އިސްދައުރެއްވާ ކަމަށެވެ. އަދި މީގެއިތުރުން ޕާޓީގެ ކެމްޕޭން ހަރަކާތްތަކާއި ޖަލްސާތަކުގައި ވެސް އަދީބުގެ ދައުރު ވަރަށް ފުޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި ނިހާން ވަނީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނިހާން ވިދާޅުވީ ޑރ. ޖަމީލް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަރަށް މަަސައްކަތްކުރެއްވި ކަމަށާއި އަދި ހޮވުމަށް ފަހު ވެސް 'ދުވަސްކޮޅެއް' ވަންދެން ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ.

" އަޅުގަނޑު އެދޭ މިންވަރާއި ގާތަށް ވެސް ސަރުކާރު ދިފާއު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދިފާއު ކުރެއްވުމުގައި އަދި އެކި ދިމަދިމާލުން ރައީސް ޔާމީނުގެ ސަރުކާރަށް އައި ވަރަށް ބޮޑެތި ހަމަލާދިފާއު ވުމަށް އެމަނކުފާނު [ޖަމީލް] އުޅުއްވިތަނެއް އަޅުގަނޑަކަށް ނުފެނޭ،" ނިހާން ވިދާޅުވިއެވެ.

މި ސަރުކާރުން ޑރ. ޖަމީލާ ހަވާލުކުރެއްވި އިޖްތިމާއީ މަސައްކަތްތަކާއި ސިއްޙީ މަސައްކަތްތައް އެމަނިކުފާނަށް ނުކުރެއްވުނު ކަމަށް ނިހާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.

މި އިސްލާހު ގެންނަނީ ނައިބު ރައީސްކަަމަށް އަދީބު ގެންނަން ކަަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އެ އިސްލާހަށް ވޯޓަށް އެހުމަށް މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފައެވެ.