23 Jun 2015, 16:57
ތ. ދިޔަމިގިއްޔަށް ދިޔަ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގެ ބަޔަކު އިއްޔެ ދުވާލު އެ ރަށު އަތިރިމަތީގައި ކައްކައިގެން ކާން ތިއްބައި ހައްޔަރުކޮށްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އިއްޔެ ހެނދުނު 10 ޖަހާކަންހާއިރު އެ މީހުން ހައްޔަރުކޮށްފައި ވަނީ ދިޔަމިގިލީ ފިހާރައަކުން ނޫޑްލިސް ގަނެގެން އެކައްކައިގެން ކާންތިއްބަ އެވެ. އެ ހަތަރު މީހުންނަކީ ކޮން ރަށެއްގެ ބައެއްކަމެއް އަދި ނޭނގެ އެވެ.
ފުލުހުން މިއަދު ބުނީ އެ ހަތަރު މީހުން ދިޔަމިގިލިން ހައްޔަރުކޮށްފައި ވަނީ އެ ރަށުގެ އަތިރިމަތިން ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 30 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އެތަނުން އެކަކު ފިޔަވާ ދެން ތިބި ތިން މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ބަންދަށް މިހާރު ވަނީ ތިން ދުވަސް ޖަހާފަ އެވެ.
ފުލުހުން ވަނީ މާލެއިން ވެސް ރޯދަ މަހު ދުވާލު ކާންތިބި ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ތެރެއިން ތިން މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާއިރު އެކަކު ބަންދަށް ވަނީ ފަސް ދުވަސް ޖަހާފަ އެވެ.
ރޯދަ މަހު ދުވާލު ރޯދަ ދޫކޮށްލައިގެން މިހާތަނަށް އާންމުކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގައި ވަނީ 150 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް ވަރަށް މަދު ފަހަރެއްގައި ހަ މަހަށް ޖަލަށްލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.
މަގުބޫލް އުޒުރެއް ނެތި ރޯދަ ދޫކޮށްލައިފި މީހާ ތައުބާވެ، ޖެހިޖެހިގެން ދެ މަސް ދުވަހު ރޯދަ ހިފަންޖެހެ އެވެ.