ޞަޙީޙު ބުޚާރީގެ ބާބުތަކުގެ ތެރެއިން އެއްބާބެއްގެ މައިގަނޑު ނަމަކީ "އިންސާނުންނާއި ޙަޔަވާނުންނާމެދު އޯގާވެރި ވުމުގެ ބާބު" އެވެ. ޢައްލާމާ އިބްނު ޙަޖަރުލްޢަސްޤަލާނީ މިދެންނެވި މައިގަނޑު ނަން ޝަރަޙަކޮށްދެއްވަމުން ލިޔުއްވައިފައިވެއެވެ. އިސްވެދެންނެވި މައިގަނޑު ނަމުގެ މަފްހޫމަކީ މީހެއްގެ ފަރާތުން އޭނާއާ ދުރުހިލޭ މީހުންނަށްވެސް އޯގާވެރި ޢަމަލުތަކެއް ފެންނަމުންދިޔުމެވެ. އިސްލާމްދީން އިންސާނާގެ ކިބައިގައި އުފައްދަނީ ރަޙްމާއި އޯގާވެރިކަމުގެ ޖަޒުބާތެވެ. އެޖަޒުބާތު ފުޅާވެގެން ދާންޖެހެނީ ޙަޔަވާނުންނާއި ގަސްގަހާގެހީގެ ދާއިރާވެސް އޭގައި ޝާމިލުވާ ވަރަށެވެ. ސޫފާސޫތްޕާއި ފަތްޕިލާވެއްޔަށްވެސް އޭނާގެ ހަމްދަރުދީއާއި ކުލުނުވެރި ކަމުން ބައިލިބޭވަރަށެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ ވިދާޅުވެދެއްވި ޙާދިޘާއެއްގެ ވާހަކައިގައިވެއެވެ. މީހަކު މަގެއްގެ މަތީން ހިނގަމުންދިޔައެވެ. އޭނާ ވަރަށް ބޮޑަށް ފެންބޮވައިގަތެވެ. އޭނާއަށް އެމަގުގެ ކައިރީގައި ހުރި ފެންވަޅެއް ފެނުނެވެ. އޭނާ އެވަޅުން ފެންނަގައިގެން ފެންބުޔެވެ. އޭނާ އެވަޅުކައިރީން މަގުމައްޗަށް ނިކުތުމާއެކު އޭނާއަށް ފެނުނީ ވަރަށް ބާރަށް މާނޭވާލަމުންދާ ކުއްތާއެކެވެ. އެކުއްތާ އޮތީ ވަރަށް ބޮޑަށް ފެންބޮވައިގެންފައެވެ. އެމީހާގެ ހިތަށްއެރިއެވެ. އެކުއްތާވެސް އަނގަހިއްކައިގެންފައި އެވަނީ އަހަރެންވެސް އަނގަހިއްކިވަރަށެވެ. އެކުއްތާއަށްވެސް އެލިބެނީ އަހަންނަށްވެސް ލިބުނުފަދަކެކުޅުމެކެވެ. އޭނާ އެނބުރި ވަޅުދޮށަށް ހިނގައްޖެއެވެ. ވަޅުން ފެންނަގައި ކުއްތާއަށް ފެންބޯންދިނެވެ. އެއަށްފަހު މާތްﷲ އަށް ޝުކުރުދެންނެވިއެވެ. އަރަހުށި މާތްﷲ އޭނާގެ ފާފަފުއްސަވައިދެއްވިއެވެ. ޙާޒިރުވެވަޑައިގެން ތިއްބެވި ބައެއް ބޭކަލުން ވިދާޅުވިއެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ. ޙަޔަވާނަކަށް ހެޔޮކޮށްހިތުމުންވެސް އަޅުގަނޑުމެންނަށް ދަރުމަލިބޭނެތޯއެވެ. ކައުސާހިބާ ޙަދީޘު ކުރެއްވިއެވެ. އާނއެކެވެ. ކޮންމެ ނާޒުކު ހިތެއްގައި ތިޔަބައިމީހުންނަށްޓަކައި ދަރުމައާއި ޘަވާބު ހުއްޓެވެ. (ފަތުޙުލްބާރީ 10/452 ) މާނައަކީ އިޙްސާސްވުމުގެ ޝުޢޫރުލައްވައިފައިވާ ކޮންމެ މަޚްލޫޤަކާމެދު އޯގާވެރިވުމުންވެސް ތިޔަބައިމީހުންނަށް ދަރުމައާއި ޘަވާބު ލިބޭހުއްޓެވެ.

ހަމައެފަދައިން ގަސްގަހާގެއްސަށްވެސް އިސްލާމްދީން ދީފައިވަނީ ނުހަނު ބޮޑު އަހައްމިއްޔަތެކެވެ. ކީރިތި ޤުރްއާނުގައި މާތްﷲއަށް އީމާންވާ މީހާގެ މިސާލުޖައްސަވައިފައިވަނީ ރަނގަޅު ގަހެއްގެ މިސާލުންނެވެ. ގަސްގަހާގެހިން އިންސާނުންނަށް މޭވާއާއި މަލާއި، ހިޔާލު ލިބޭފަދައިން އިންސާނާވެސް ދުނިޔޭގައި އުޅެންވާނީ އެހެނިހެން މަޚުލޫޤާތަށް މަންފާ ލިބޭގޮތަށެވެ. ހެޔޮފޯރާ ގޮތަށެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ އިރްޝާދު ދެއްވައިފައިވެއެވެ. މުސްލިމަކު ގަހެއް އިންދުމުން އެގަސްބޮޑުވެ މޭވާ އެޅުމުން މީހަކު ނުވަތަ ޖަނަވާރަކު އެމޭވާކެއިކަމުގައިވިޔަސް އެކަންވާހުށީ ގަސްއިންދި މީހަޔަށް ކުރެވުނު ޞަދަޤާތަކަށެވެ. (ފަތުޙުލްބާރީ 10/452 )

މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާ އަމީރުލް މުއުމިނީން އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އިސްލާމީ ލަޝްކަރުތައް ހަނގުރާމަޔަށް ފޮނުއްވާއިރުވެސް ގަސްގަހާގެހި ނުކެނޑުމަށް އަމުރު ކުރައްވައެވެ. އާދެ، ދުޝްމިނުންގެ ގަސްގަހާގެހި ކެނޑުމަކީވެސް މުސްލިމުންނަށް މަނާކަމެކެވެ.

އާދޭހެވެ. މުސްލިމުންގެ ރަޙްމާއި ހަމްދަރުދީވާން ޖެހޭނީ އިންސާނުންނަށާއި، ހައިވާނުންނަށާއި، ގަސްގަހާގެއްސާއި، ފަތްޕިލާވެއްޔަށާއި، ސޫފާސޫފީގެ މައްޗަށްވެސް ޝާމިލުވެ ޢާންމުވެފައިވާ ރަޙްމާއި، ކުލުނާއި ހަމްދަރުދީއަކަށެވެ.