23 Jun 2015, 15:56
މިރޯ ދަމަހުގެ މިހާތަނަށް މުޅި ރާއްޖޭގައި 24 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ވޭތުވެ ދިޔަ ފަސް ދުވަހު ހިނގާފައިވާ 24 އެކްސިޑެންޓްގެ ތެރެއިން ގިނަ އެކްސިޑެންޓްތަކަކީ މީހުންނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެކްސިޑެންޓްތަކެއްނޫން ކަމަށެވެ.
ނަމަވެސް އެފަސް ދުވަހުގެ ތެރެގައި އައްޑޫ ސިޓީގައި ހިނގި ދެ އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު އޭގެތެރެއިން އެކަކަށް މިހާރު ދަނީ އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ރޯދަމަހަކީ އެކްސިޑެންޓް ގިނަ މަހަކަށް ވާ އިރު ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ތަފާތު އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށެވެ.
"ހާއްސަކޮށް އެއްގަމު ދަތުރުފަތުރުގެ ކާރޫބާރު ބޮޑު މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުއްޓާއި ލ. އަތޮޅުފަދަ ސަރަޙައްދުތަކުގައި ވެސް އެކްސިޑެންޓްތައް މަދުކޮށް މީހުންނަށާއި ތަކެއްޗަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފުލުހުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން." ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިރޯދަމަހާ ގުޅުވައިގެން މާލޭގެ ކާރުބާރޫ ބޮޑު ސަރަހައްދުތަކުގެ ޓްރެފިކް އުސޫލްތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން ބައެއް މަގުތަކުން ދުއްވޭ މިސްރާބް ބަދަލުކޮށްފައިވެ އެވެ.