ކެނެޑާއާއި ކޮމަންވެލްތުގެ އެހެން ގައުމުތަކުން ރާއްޖެއާ މެދު ތަފާތު ގޮތަކަށް އަމަލުކުރާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ތުހުމަތު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއާ މެދު އެގޮތަށް ކަންތައް ކުރަނީ ކުޑަ ގައުމަކަށް ވާތީ ކަމަށް ވެދާނެ ކަމަށެވެ.

"...ރާއްޖޭގައި ކިތަންމެ ކުޑަކުޑަ ކަމެއް ހިނގިޔަސް އެބޭފުޅުން އެބަ ސްޓޭޓްމަންޓް ނެރުއްވާ އެކަމާ ވަރަށް ކޮންސާންވާ ކަމަށް ވިދާޅުވޭ. އެކަމަކު ހަމަ، ވަކި ގައުމެއް އަޅުގަނޑު ދަންނަވާކަށް ބޭނުނެއް ނޫން. އެކަމަކު ރާއްޖެ އަށް ވުރެ މާ ހާލުބޮޑު އަދި އިންސާނިއްޔަތާ ހިލާފު އަދި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު އެތައް އަމަލުތަކެއް އެކި ގައުމުތަކުން އެބަ ހިންގަމުންދޭ. މީގެ ތެރޭގައި ކޮމަންވެލްތު ގައުމުތައް ވެސް ހިމެނޭ،" ދުންޔާ ވިދާޅުވި އެވެ.

ދާދިފަހުން ކެނެޑާ އާއި ރާއްޖެއާ ދެމެދު ބަދަލު ކުރި ބަހުގެ ހަމަލާތަކުގެ މައްސަލައިގެ ސަބަބުން ދެގައުމުގެ ގުޅުމަށް އަސަރެއް ކޮށްފައިވޭތޯ ދެންނެވުމުން ދުންޔާ ވިދާޅުވީ ވަރަށް ދުރުގައި ތިބެގެން (މައުލޫމާތު ނުހޯދައި) ރާއްޖެ އަށް ފާޑުކިއުމަކީ ދެގައުމުގެ ގުޅުމަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކަންބޮޑުވުންތަކެއް ހުރި ނަމަ އަބަދުވެސް ބައްދަލުކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

"... އަދި ކޮންމެ ގައުމެއް ކަމަށް ވިޔަސް އަޅުގަނޑުމެން މިތިބީ ހަމަ ވާހަކަ ދައްކައި މަސައްކަތް ކުރަން ތައްޔާރަށް. އެކަމަކު މި އުސޫލުގައި އިންސާފު އޮންނަން ޖެހޭނެ ދެއްތޯ؟ ބޮޑު ގައުމެއް ވީމާ އެމީހުން ކޮށްފައި އޮތް ކަންތައްތަކެއް ފޮރުވާފައި އެވާހަކަ ނުދައްކައި. ނުވަތަ ހަމަ ކުދި އެގައުމުގައި ހުރި އެހެން ކަންތައްތަކެއްގެ ވާހަކަ ދެކެވުމަކީ އަދި ހާއްސަކޮށް ސިޔާސީ ގޮތުން ވަކި ފަރާތެއް ނަގައިގެން ވަކި ކަހަލަ ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާފުވެރިކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ މައްސަލަ ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާގައި ހިމެނުމަށް ކެނެޑާއިން ގޮވައިލުމުން ދުންޔާ ވަނީ ކުރިން އެގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.