ޓޮމާޓޯ އަކީ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތެކެވެ. ޓޮމާޓޯގައި އެކުލެވޭ މުހިއްމު މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ، ސޯޑިޔަމް، ޑައެޓްރީ ފައިބާ، ވިޓަމިން އޭ، ކެލްސިޔަމް، ވިޓަމިން ބީ 12، ވިޓަމިން ބީ 6، މެގްނަސިޔަމް އަދި އަޔަން ނުވަތަ ދަގަނޑު ހިމެނެ އެވެ.

މީގެ އިތުރުން ހަކުރާއި ޕްރޮޓީންއާއި ކާބޯ ހައިޑްރޭޓްއާއި ޕޮޓޭޝިޔަމްވެސް ހިމެނެ އެވެ. ޓޮމާޓޯގައި އެންމެ ގިނަކަމަށް ވަނީ ފެނާއި ޕޮޓޭޝިޔަމްއާ އަދި ވިޓަމިން ސީއެވެ. ނަމަވެސް ޓޮމާޓޯގައި ހިމެނޭ އެންމެ މުހިއްމު މާއްދާއަކީ ލެކޮޕިން ނަކަމަށްކިޔާ މާއްދާ އެވެ. މިއީ ހަމުގައި ރޫޖެހުން ކުޑަކޮށްދިނުމާއި މުސްކުޅިވުމާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެއް ކަމަށް ކާބޯތަކެއްޗާ ބެހޭ ދިރާސާކުރާ އިލްމުވެރިން ބުނެ އެވެ.

ޓޮމާޓޯގައި ލެކޮޕިން ވަރަށް ބޮޑަށް އެކުލެވޭކަމަށްވެ އެވެ. އެހެންކަމުން ޓޮމާޓޯ ކެއުމާއި ހަންގަނޑުގައި ޓޮމާޓޯ އުގުޅުމަކީ ހަންގަނޑު ރޫޖެހުމުން ސަލާމަތް ކޮށްދިނުމުގެ އިތުރުން މުސްކުޅިވުމުގެ އަލާމާތްތައް ވެސް ކުޑަކޮށްދޭ ކަމެކެވެ.

އިލްމީ ތަޖްރިބާތަކުން ދައްކާ ގޮތުގައި ޓޮމާޓޯ ހަމުގައި އުގުޅުމަކީ އަލްޓްރާ ވައިލެޓް ރޭޑިއޭޝަންގެ އަސަރު 50 އިންސައްތައަށް ކުޑަކޮށްދޭ ކަމެކެވެ. އަދި ޓޮމާޓޯ ކެއުމުންވެސް އަލްޓްރާ ވައިލެޓް ރޭޑިއޭޝަންއިން ހަމަށް ކުރާ އަސަރު ވަރަށްބޮޑަށް ކުޑަކޮށް އެކަމުން ލިބޭ ގެއްލުންތައް ފޫބައްދައިދޭ ކަމަށްވެ އެވެ.

ލަންޑަން ޔުނިވަސިޓީގެ އިލްމުވެރިންގެ ޓީމަކުން ދާދިފަހުން ވެސް ވަނީ މިކަން ތަޖްރިބާކޮށްފަ އެވެ. މީއީ މިނޫންވެސް އެތައް ދިރާސާއަކުންނާއި ތަޖްރިބާތަކުން ހާމަވެފައިވާ ކަމެކެވެ.

ޓޮމާތޯ ކެއުމުން ލިބޭ ފައިދާތަކުގެ ތެރޭގައި :

• ހަންގަނޑު ރޫޖެހުމުން ސަލާމަތް ކޮށްދިނުން
• މުސްކުޅިވުމުގެ އަލާމާތްތައް ކުޑަކޮށްދިނުން
• ހިތުގެ ބަލިތަކުންނާއި ނާރުތައް ބެދުމުގެ މައްސަލަ ކުޑަކޮށްދިނުން
• ހަޖަމު ރަނގަނޅުކޮށްދިނުން
• ލޭ ތާޒާކޮށްދިނުން
• ދަތްތައް ރީތިކޮށްދީ އުޖާލާކޮށްދިނުން
• އިސްތަށީގެ ސިއްޙަތު ރަނގަނޅުކޮށްދިނުން
• އެނީމިޔާއިން ސަލާމަތްކޮށްދިނުން

ޓޮމާޓޯއަކީ ކެލްސިޔަމް އެކުލެވޭ އެއްޗަކަށްވާތީ ކިޑްނީގައި ހިލައުފެދޭ މީހުން މާގިނައިން ޓޮމާޓޯ ނުކެއުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ޓޮމާޓޯ ކެއުން އެންމެ ރަނގަނޅީ ކުޑަކޮށް ކައްކާލައި މޯޅި ކޮށްލައިގެން ނޫނީ ޓޮމާޓޯ ގިރައިގެން ޖޫހުގެ ގޮތުގައި ކަމަށް ދިރާސާކުރާފަރާތްތަކުން ބުނެއެވެ. (ނިއުޓްރިޝަން)