23 Jun 2015, 15:18
ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އެ ގްރޫޕަށް ޖަވާބުދާރީ ވުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ
އެ މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާއާ ހިސާބަށް އެބަ އޮތް ކަމަށެވެ.
"...ޔޫއެން ވޯކިން ގްރޫޕުގެ ފަރާތުން މައްސަލަ ވަނީ ރާއްޖެ ސަރުކާރަށް ހުށަހަޅުއްވާފައި. އަޅުގަނޑުމެންނަށް މިއަށް ޖަވާބުދާރީ ވުމަށް އެބަ އޮތް ޖުލައިގެ ފުރަތަމަ ހަފުތާގެ ނިޔަލަށް. އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން،" ދުންޔާ ވިދާޅުވި އެވެ.
ޔޫއެން ވޯކިން ގްރޫޕުން ހުށަހެޅި ހުށަހެޅުމުގައި ހަގީގަތާއި ހިލާފު ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އިން ދީފައިވާ މުހުލަތުގެ ތެރޭގައި ސަރުކާރުންދޭ ޖަވާބު ހުށަހަޅުއްވާނެ ކަމަށެވެ.
"...އެބޭފުޅުންގެ ކޮމިއުނިކޭޝަންގައި ބައިވަރު ހަގީގަތާ ހިލާފު ވާހަކަތައް އެބަ އޮވޭ. އޭގެ ތެރޭގައި ޝަރީއަތް ހިނގައި ދިޔަ ގޮތާއި އެބޭފުޅާއަށް ހައްގުތައް ލިބިވަޑައިނުގަންނަވާ ކަމާ، ދެން އެނގިވަޑައިގަންނަވާނެ އެހުރިހާ މައުލޫމާތުތަކެއް. އެހެންވީމާ އަޅުގަނޑުމެން މިދަނީ ސަރުކާރުގެ ރެސްޕޮންސް ތައްޔާރު ކުރަމުން. އިރާދަކުރެއްވިއްޔާ އެ އޮތް ޑެޑްލައިންއަށް އަޅުގަނޑުމެން ހުށަހަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ މާބޮޑު ބުރަދަނެއް ހުރި މައްސަލައެއް ކަމަށް ސަރުކާރުން ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... އެހެންވީމާ ސަރުކާރުގެ ހުށަހެޅުމަށް ވަރަށް ބޮޑު ތަރުހީބު ލިބިގެން ދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ދުންޔާ ވިދާޅުވި އެވެ.