ދަހޭގް : ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ތެދުވި ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ހިންގުމުގެ ފަހަތުގައިވާ ކަމަށް ޝައްކުކުރެވޭ ފަރާތްތަކުގެ ނަންތައް މިއަދު އިޢްލާން ކުރެވޭނެކަމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓާ ލުއިސް މޮރީނޯ އޮކަމްބޯ ވިދާޅުވެއްޖެއެވެ.

ހޮލެންޑްގެ ދަ ހޭގްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޮކަމްބޯ ވިދާޅުވީ މިއަދު ނަންއިޢްލާންކުރެވޭ ފަރާތްތަކުގެ މައްޗަށް ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ހިންގުމުގެ ތުހުމަތުގައި ތަޙްޤީޤްތައް ހިންގޭނެ ކަމަށާއި މިތަޙްޤީޤްތަކުން ކުށްސާބިތުކުރެވޭ ފަރާތްތަކުގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދަޢްވާކުރެވޭނެ ކަމުގައެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ލީބިޔާގެ ޖަމާޢަތަކުން ބުނިގޮތުގައި ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ތެދުވި ލީބިޔާގެ ރައްޔިތުންގެ ތެރެއިން ހަހާހަށްވުރެ ގިނަމީހުންވަނީ މަރާލެވިފައެވެ. މިމީހުންގެ މަރުގެ ފަހަތުގައިވަނީ ގައްޒާފީއާއި އޭނާގެ އަޢްވާނުންނާއި ބޭރުގެ ކުލީ ސިފައިން ކަމުގައެވެ.

ގައްޒާފީއާއި އޭނާގެ އަޢްވާނުން ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ކަމަށްބެލެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅީ އދ. ގެ ސަލާމަތީ މަޖިލީހުންނެވެ.
ގައްޒާފީއާއި އޭނާގެ އަޢުވާނުން އިންސާނީ ހައްޤުތަކަށް އަރައިގަތް މައްސަލަ ބައިނަލްއަޤްވާމީ ކޯޓަށް ފޮނުވި ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނާއި ލުބްނާނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ވެރިންނާއި އިސްރާއީލުގެ ސިފައިން ހިންގާފައިވާ ޤަތުލުޢާންމުތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލަތައް ބަލައި ތަޙްޤީޤް ކުރުމުގައާއި އެމައްސަލަތައް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ފޮނުވިފައެއް ނުވެއެވެ.
އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ހުރިހާ ޖަރީމާތަކެއް ބަލައި ތަޙްޤީޤްކޮށް އިސްރާއީލުގެ ވެރިންނާއި އިސްރާއީލުގެ ޢަޢުވާނުން ބައިނަލްއަޤްވާމީ ޢަދަލަތަށް ޙާޒިރު ކުރުމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އދ. ގެ ސަލާމަތީ މަޖިލީސްވަނީ ފޭލްވެފައެވެ.

އަދި ޣައްޒާގައި ޙާލުގައި ޖައްސާފައިތިބި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެންދިޔަ ތުރުކީގެ މިނިވަން ފްލީޓަށް އިސްރާއީލުން ޙަމަލާދީ އޭގައިތިބި ތުރުކީގެ ސުލްޙަިއގެ އެކްޓިވިސްޓުގެ އެތަށްބަޔަކު މަރާލައި ޤަތްލު ޢާންމު ހިންގިމައްސަލަ ބަލައިތަޙްޤީޤް ކުރުމަށްވެސް އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުންވަނީ ހުރަސްއަޅާފައެވެ.

މީގެއިތުރުން އދ. ގެ ޗާޓަރަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖެހުމަށްފަހު އެމެރިކާއިން ޢިރާޤަށް އަރައި ޢިރާޤުގެ ކުށެއްނެތް އެތަށްލައްކަބަޔަކު މަރައި ޢިރާޤު ހަލާކުކޮށް ސުންނާފަތި ކުރުމުގެ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ފަހަތުގައިވާ އެމެރިކާގެ ވެރިންނާއި ސިފައިންގެ މައްސަލަތައްވެސް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅޭނެ ގޮތްވަނީ ނުވެފައެވެ.

އަދި ގުއަންޓެނާމޯ ޖަލުގައާއި ދުނިޔޭގެ ކަންކޮޅުތަކުގައި ސިއްރު ޖަލުތައް ހަދައިގެން އެމެރިކާގެ ކުރީގެ ރައީސް ޖޯޖްޑަބްލިޔު ބުޝްއާއި އޭނާގެ އަޢުވާނުން ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި އެމެރިކާއިން އަފްޣާނިސްތާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އަދި ހިންގަމުން ގެންދާ މީހުން މެރުމުގެ ޖަރީމާތަކުގެ މައްސަލަތައްވެސްވަނީ އަޅާނުލާ ދޫކޮށްލާފައެވެ. ބުޝްއާއި އޭނާގެ ޢަޢުވާނުންވަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ނުކުރެވިއެވެ.

އެހެންކަމުން ގައްޒާފީއާއި އޭނާގެ އަޢުވާނުންގެ މައްސަލަތައް ބެލުމަަށް ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޢަދުލުގެ ނިޒާމު ފުރިހަމަވެފައިވާ ކަމުގެ ހެއްކެތް ނޫންކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް