ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި އިސްލާހު ފާސް ކުރަން އެޖެންޑާކޮށްފި އެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ޖަލްސާ މާދަމާ 10:30ގައި ފަށާ އިރު މާދަމާގެ އެޖެންޑާގައި ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އިސްލާހު ދިރާސާކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން ހުށައެޅި އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށައެޅުމެވެ.

އެ އިސްލާހު މާދަމާ މަޖިލީހުގެ ތަޅުމަށް ހުށައަޅައި ބަހުސް ފަށާނެ އެވެ. މާދަމާ ބަހުސް ނިމިއްޖެ ނަމަ އެ އިސްލާހު ފާސްކުރަން މާދަމާ ވޯޓަށް އެހުން އޮންނާނެ އެވެ.

މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްވުމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ބޭނުންވާނެ އެވެ. ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ގާނޫނު އަސާސީ އަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްޔަތެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް

އެ އިސްލާހަށް ވޯޓް ދިނުމަށް ޕީޕީއެމް އާއި އެމްޑީއޭ އިން ނިންމާފައިވާ ސަރުކާރު ހިންގާ ޕީޕީއެމްގައި މިހާރު ތިއްބެވީ 44 މަޖިލިސް މެމްބަރުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގައި ތިއްބެވީ ފަސް މެމްބަރުންނެވެ. ސަރުކާރު ކޯލިޝަންގައި ޖުމްލަ 49 މެމްބަރުން އެބަ ތިއްބެވެ. ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންނާ އެކު ޖުމްހޫރީ ޕާޓީގެ 11 މެމްބަރުން ވޯޓު ދީފި ނަމަ ޖުމްލަ ވޯޓުގެ އަދަދު 60 އަށް އަރާނެ އެވެ. އިތުރަށް ބޭނުން ވަނީ ހަތަރު ވޯޓެވެ. އެހެން ކަމުން އެ އިސްލާހު ފާސްވާން އޮތީ އެމްޑީޕީގެ ވޯޓް ވެސް ލިބިގެންނެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއް ވެސް މީހަކަށް ރައީސް ކަމަކަށް ވާދައެއް ނުކުރެވޭނެ އެވެ.

އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެރިކަމަކަށް ވާދައެއް ނުކުރެވޭނެ އެވެ. ގާސިމް އިބްރާހިމްގެ އުމުރުފުޅަކީ 65 އަހަރު ކަމުގައިވާ އިރު، ރައީސް މައުމޫންގެ އުމުރުފުޅަކީ 77 އަހަރެވެ.

މާދަމާގެ ޖަލްސާ އަށް ދެން ހުށައެޅިފައިވާ ކަންކަމުގެ ތެރޭގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާ އިސްލާހާއި ކާރިސާ އާއި ބެހޭކަންކަން ބެލެހެއްޓުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.