23 Jun 2015, 13:51
އުރީދޫ ދިވެހި ޕްރިމިއާ ލީގް ތާވަލްގެ އެއް ވަނައިގައި ކްލަބް އީގަލްސް އޮތް އިރު އެމަންޒަރު ބަލަން ބޮޑެތި ޓީމްތަކަށް އުނދަގޫވާނެ ކަމަށް އީގަލްސްްގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނެފި އެވެ.
ރޭ އީގަލްސްއާ ވެލެންސިއާ ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ސާންތީ ބުނީ އީގަލްސް އެއް ވަނައިގައި އޮންނައިރު ބޮޑު ޓީމްތަކަށް އެކަން ޕްރެޝަރަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ކުރީގައި އޮންނައިރު. އެންމެ ބޮޑުކޮށް މިކިޔާ ޓީމްތަކަށް އުނދަގޫވާނެ އީގަލްސް މިހިސާބުގައި އޮންނަތަން ބަލަން،" ސާންތީ ބުންޏެވެ.
ސާންތީ ބުނީ އެއް ވަނައިގައި ހިފެހެއްޓުމަކީ އުނދަގޫވެސް ކަމެއް ކަމަށާއި މެޗަކުން ބަލިވެއްޖެ ނަމަ އަލުން އެއް ވަނައަށް އެރުން ފަސޭހަ ނުވާނެ ކަމަށެވެ.
ލީގްގައި ދެ ބުރު އޮތް އިރު އެގޮތުގައި ހިފެއްހެއްޓުމަށް ކުޅުންތެރިންނަށް ވިސްނައިދެމުންދާ ކަމަށާއި އީގަލްސްއަށް ޗެލެންޖުވެސް ބޮޑު ކަމަށް ސާންތީ ބުންޏެވެ. އެއީ އީގަލްސް ފިޔަވައި ކޮންމެ ޓީމެއްގައިވެސް ތިނެއް ނުވަތަ ހަތަރު ބިދޭސީ ކުޅުންތެރިން ތިބިއިރު އީގަލްސްގައި ހުރި އެންމެ ކުޅުންތެރިޔެއް ކަމަށާއި ކުރިއަށް އޮތް މެޗްތަކަށް ބިދޭސީ ކުޅުންތެރިން ނުގެނެވިއްޖެނަމަ އީގަލްސްއަށް ވެސް އުނދަގޫ ވަނެ ކަމަށް އޭނާ ބުންޏެވެ.
ސާންތީ ބުނީ، މިމަހު 29 ވަނަ ދުވަހު ކުޅޭ މެޗަށް ސްޕެއިންގެ ފޯވަޑާކާއި ޑިފެންޑަރެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އީގަލްސް އަންނަނީ ލީގް ފެށުނީއްސުރެ ތާވަލްގެ އެއް ވަނައިގައި ހިފަހައްޓަމުންނެވެ. އެޓީމް މިހާރު އެއް ވައިގައި އޮތީ ހަތް ޕޮއިންޓް ލިބިގެނެނެވެ. ދެ ވަނައިގައި ހަ ޕޮއިންޓް ލިބިގެން އޮތީ ވިކްޓްރީއެވެ.