މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ކަމަށް ކުޑަހުވަދޫ މީހުން ހީކުރި ބޯޓަކީ އައިލެންޑް އޭވިއޭޝަންގެ ކުޑަ މަތިންދާބޯޓެއް ކަމަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން އިބްރާހީމް ފައިސަލް ،އޮސްޓްރޭލިއާގެ "ދަ އޮސްޓްރޭލިއަން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ކަމަށް ހަފިންޓަން ޕޯސްޓް ބުނީ ކުޑަހުވަދޫ މީހުންނަށް މިދިޔަ އަހަރު މާޗް މަހުގެ އަށް ވަނަ ދުވަހު (އެމްއެޗް370 ގެއްލުނު ދުވަހު) ފެނިފައި ވާނީ އައިލެންޑް އޭވިއޭޝަންގެ ބޮމްބާޑިއާ ޑޭޝް 8ގެ މަތިންދާބޯޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ފަންސާސް މީހުންގެ ޖާގައިގެ އެބޯޓުގައި ވެސް ހުންނާނީ މެލޭޝިއާ އެއާލައިންގައި ހުރި ކުލަތަކެވެ.

"... ތެދަށް ބުނަންޏާ ބުނެވޭނީ އެ ބޯޓަކީ [ކުޑަހުވަދޫ މީހުންނަށް ފެނުނު ބޯޓަކީ] އެމްއެޗް370 ކަމަށް ގަބޫލުކުރެވޭނެ އެއްވެސް ސަބަބެއް ނެތޭ. މިހާރު އެކަން އަޅުގަނޑަކަށް މާބޮޑަށް ގަބޫލުކުރެވޭ ރަށު ކައުންސިންލް މެމްބަރުންނާ ވާހަކަ ދެއްކުމުން. މުޅި މައްސަލަ އޮޅުން ބޮޅުންވި، އަލިފާން ނިވާ ފުޅިއެއް ފެނުން ފަދަ ކަންތައްތަކުގެ ސަބަބުން. އަޅުގަނޑުމެންނަށް އެނގުނު އެއީ އަލިފާން ނިވާ ފުޅިއަކީ މަތިންދާބޯޓެއްގެ އެއްޗެއް ނޫންކަން. ގައިމުވެސް އެއީ ބޯއިން 777 މަތިންދާބޯޓެއްގެ އެއްޗެއް ނޫންކަން. ލިބެން ހުރި މައުލޫމާތު ތަކަށް ބަލާއިރު އަޅުގަނޑަށް ގަބޫލުކުރެވެނީ އެއީ [ކުޑަހުވަދޫމީހުންނަށް ފެނުނީ] އެމްއެޗް370 ނޫން ކަމަށް. އެންމެ ބޮޑަށް ބެލެވެނީ އެވާނީ އައިލެންޑް އޭވިއޭޝަން ބޮމްބާޑިއާ ޑޭޝް 8 ގެ ބޯޓަކަށް ކަމަށް،" ފައިސަލް ވިދާޅުވިކަމަށް ނޫހުގައިވެ އެވެ.