މި އަހަރުގެ ރޯދަ މަހު ދުވާލު ވަގުތު ކައިގެން ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މި އަހަރުގެ ރޯދަ މަހު ދުވާލު ވަގުތުތަކުގައި ކައިގެން ހަތް މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ އިރު އެ މައްސަލަތަކުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އެއްމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

"ދެ ވަނަ ރޯދާގައި ހައްޔަރު ކުރި ތިން މީހުންގެ ބައްދަށް ވަނީ ހަތް ދުވަސް ޖަހާފައި، ދެން ހައްޔަރު ކުރި މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައި." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ އެމެންވެސް ހައްޔަރުކޮށްފައި ވަނީ މާލެއިން ކަމަށެވެ.

ރޯދަ މަހު ދުވާލު ރޯދަ ދޫކޮށްލައިގެން މިހާތަނަށް އާންމުކޮށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގައި ވަނީ 150 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް ވަރަށް މަދު ފަހަރެއްގައި ހަ މަހަށް ޖަލަށްލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

ދީނީ ގޮތުން ބަލާއިރު މަގުބޫލް އުޒުރެއް ނެތި ރޯދަ ދޫކޮށްލައިފި މީހާ އެކަމަށް ތައުބާވެ ޖެހިޖެހިގެން ދެ މަސް ވަންދެން ރޯދަ ހިފަންޖެހެ އެވެ.

ރޯދަ މަހު ދުވާލު ވަގުތަކުގައި ރޯދައަށް ނުހުރެ ކެއިން ބުއިމަކީ ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް ފެންމަތިވާ މައްސަލައެކެވެ.