23 Jun 2015, 13:30
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސަކު ހޮވުމަށް ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބުގައި ވާދަކުރާނޭ ކަމަށް ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑް އާޖެންޓިނާގެ ޑިއެގޯ މަރަޑޯނާ ބުނެފައިވާ ކަމަށް އޭނާގެ ގާތް ރަހްމަތްތެރިއަކު ބުނެފި އެވެ.
މަރަޑޯނާގެ ގާތް އެކުވެރިއެއް ކަމަށްވާ، ބަލްގޭރިއާގެ ނޫސްވެރިޔާ ވިކްޓާ ހޫގޯ މޮރަލޭސް ބުނީ، މިދިޔަ މޭ މަހު ފީފާގެ ރައީސަކު ހޮވުމަށް އިންތިޚާބުގައި އުރުދުންގެ ޕްރިންސް އަލީ ބިން އަލް-ޙުސައިންއަށް ތާއީދުކުރި މަރަޑޯނާ މިހާރު ބޭނުންވަނީ "އޭނާ އަމިއްލައަށް އެމަގާމަށް ވާދަކުރަން" ކަމަށެވެ.
ބްލެޓާއާ ދެކޮޅަށް ޕްރިންސް އަލީއަށް މަރަޑޯނާ ކެމްޕެއިން ކޮށްދީފައިވާ އިރު، މޭމަހުގެ އިންތިޚަބު ބްލެޓާ ވަނީ ފަސޭހަކަމާއެކު ކާމިޔާބުކުރައްވައިފައެވެ. އެހެން ނަމަވެސް، ކޮރަޕްޝަނާއި އަދިވެސް ފީފާއާ ގުޅުންހުރި ތަފާތު މައްސަލަތަކެއްގައި އެ ޖަމިއްޔާގެ އިސް 14 މެމްބަރަކު ހައްޔަރުކުރުމާ ގުޅިގެންނާއި އަދި އެނޫންވެސް ގޮތްގޮތުން އަންނަމުންދިޔަ ޕްރެޝަރުތަކާ ހެދި ބްލެޓާ ވަނީ ކުއްލިގޮތަކަށް މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނުކުރައްވައިފައެވެ.
މަރަޑޯނާ ކުރިން ނިންމާފައިވަނީ، ފީފާގެ މެމްބަރުންގެ ގޮތުގައި ހިމެނޭ 73 ފުޓްބޯޅަ އެސޯސިއޭޝަނެއްގެ ތާއީދާއެކު، އިންތިޚާބުގެ ފުރަތަމަ ބުރު ފަހަނައަޅައި ބްލެޓާއާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕްރިންސް އަލީ ފީފާގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ނަމަ، އޭނާގެ ނައިބު ރައީސެއްގެ ގޮތުގައި ފީފާ ހިންގުމުގައި ހަރަކާތްތެރިވުމަށެވެ.
"އޭނާ [މަރަޑޯނާ] އަހަރެންކައިރީ ބުނީ، ކުރިއަށް އޮތް ފީފާގެ ރައީސަކު ހޮވުމުގެ އިންތިޚާބުގައި ވާދަކުރާނަމޭ. އަދި އެކަން އާންމުންނަށް އެންގުމަށް އަހަރެން ހަމަޖައްސާނަމޭ،" މިދިޔަ އަހަރުގެ ވޯލްޑް ކަޕާ ގުޅިގެން ކުރިއަށްގެންދިޔަ ޓީވީ ޕްރޮގްރާމެއް ހުށަހެޅުމަށް މަރަޑޯނާއާއެކު ހަރަކާތްތެރިވި މޮލަރޭސް އޭނާގެ ޓްވިޓާ އެކައުންޓުގައި ލިޔެފައި ވެއެވެ.
މޮރަލޭސް ބުނީ، ފީފާގެ ރައީސްކަމަށް ވާދަކުރާނަންތޯ މަރަޑޯނާ ކައިރީ ސުވާލުކުރުމުން ޖަވާބުގައި އޭނާ ބުނީ، "އަހަރެންނަކީ ކެނޑިޑޭޓެއް" ކަމަށެވެ.
ދަނޑުމަތީގައި މިހާތަނަށް ފެނިފައިވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ދުނިޔޭގެ އެތައް ބަޔަކު ގަބޫލުކުރާ، އާޖެންޓީނާގެ ކުރީގެ ކޯޗު ވަނީ، އޭނާގެ ފުޓްބޯޅައިގެ ރަން ދުވަސްވަރު ބާސެލޯނާއާއި ނަޕޯލީ ފަދަ ކްލަބްތަކުގައި އެތަކެއް ބަޔަކު ހައިރާން ކުރުވައިފައެވެ. އެގޮތުން މަރަޑޯނާގެ ޒައާމަތެއްގައި ފީފާ ހިންގުން ވެގެންދާނީ ޝައުގުން ފުރިގެންވާ ކަންތައްތަކެއްކަމަށް ތަޖުރިބާކާރުން މިހާރުވެސް ލަފާކުރެއެވެ.
ވޯލްޑް ކަޕް 1986ގެ ކުއާޓާ ފައިނަލްގައި އިނގިރޭސީންގެ 2-1 އިން އާޖެންޓީނާ މޮޅުވި މެޗުގައި ބޯޅައިގައި އަތުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން އެތަކެއް ބައެއްގެ ސަމާލުކަން ހޯދާފައިވާ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ފުޓްބޯޅައިގައި ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނީ، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑޯޕިން އަށް ޕޮޒިޓިވްވެ، މުބާރާތާ ވަކިވާން ޖެހުނު ހިސާބުންނެވެ.
އެހެންކަމުން ފީފާގެ ރައީސްކަމަށް ވާދަކުރަން މަރަޑޯނާ ޝައުގުވެރިވީ ނަމަވެސް، އޭނާއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުރިކަމަށް ތަޖުރިބާކާރުން ދެކެއެވެ. ޑޯޕިން މައްސަލައިގެ އިތުރުން 1991 ވަނަ އަހަރު ނަޕޯލީއަށް ކުޅުނު ދުވަސްވަރު ކޮކޭންގެ މައްސަލައަކާއި އަދި އިޓަލީގައި ޓެކުހައް މަކަރުހެދުން ފަދަ ތަފާތު މައްސަލަތަކެއް މަރަޑޯނާގެ މައްޗަށް ސާބިތުވެ އޭނާއަަށް އަދަބު ލިބިފައި ވެއެވެ.