ރަނގަޅުނޫން ވިސްނުންތަކާއި ހިޔާލުތަކުގެ މައްޗަށް އަމިއްލަ ނަފްސު ވަރުގަދަކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އިލްތިމާސްކުރައްވައިފި އެވެ.

ސީއެޗްއެސް އީން މި އަހަރު ތައުލީމް ހާސިލްކޮށް ނިމުނު ދަރިވަރުންނަށް ހާއްސަކޮށްގެން އެ ސްކޫލްގައި ރޭ ބޭއްވި ގްރެޖްއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އަމިއްލަ ނަފްސަށާއި އާއިލާ އަށް އަދި ގައުމަށް ފައިދާ ހުރި މީހަކަށް ވުމަށް ކޮންމެ މީހަކު ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން ސަރުކާރުން ވަނީ މުހިންމު ގިނަ ފުރުސަތުތަކެއް ހުޅުވާލަދީފައި ކަމަށެވެ.

"މަތީ ތައުލީމުގެ ފުރުސަތުތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ދާއިރާ އިން ކުރިއަށްދިއުމުގެ ފުރުސަތުތައް މިވަނީ ފަހިކޮށްދެވިފައި. ވިޔަފާރި އާއި އެހެނިހެން މަސައްކަތް ފަށައިގަތުމަށް ބޭނުންވާނެ މާލީ ވަސީލަތްތައް ލިބޭނެ ގޮތްތައް މިވަނީ ފަހިކޮށްދެވިފައި. މި ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ތިމާއަށާއި ތިމާގެ ޢާއިލާއަށް އަދި މުޅި ގައުމަށް ފައިދާ ހުރި މީހަކަށް ވުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އިލްތިމާސެއް." މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ދަރިވަރުން ދިރިއުޅުމުގެ މައިދާނުގައި ކުރިއަށްދާ އިރު، ތެދުވެރިވުމަށާއި އެހެން މީހުންނަށް އިހްތިރާމް ކުރުމަށާއި ކަމޭހިތުމަށް، އަދި ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށާއި އެކަމަށް އަޒުމް ވަރުގަދަކުރުމަށް ވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ މި އަހަރު އެ ސްކޫލް ނިމުނު ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފަ އެވެ.

ސީއެޗްއެސް އީން މި އަހަރު ޖުމްލަ 308 ދަރިވަރުން ވަނީ ތައުލީމު ހާސިލްކޮށް ނިންމާފަ އެވެ.