ށ. ފުނަދޫން: ހުސައިން ހަސަން

އިއްޔެ ހަވީރު މިރަށުގެ ބޮޑު މަގަށް މީހުން ޖަމާވީ އޭގެ ކުރިން ޖަމާވި ގޮތަކަށް ނުރުހުމާއެކުއެއް ނޫނެވެ. އެންމެން ގައުމީ ދިދަތަކާއެކު ހަރަކާތްތެރިވަމުން ދިޔައީ ދާދި އަވަހަކަށް ބޮޑުވެގެންވާ އުފާވެރި ހަބަރެއް ލިބޭނެ ކަމަށް މުޅިން ޔަގީން ކޮށްގެން ތިބެއެވެ. އެމީހުން ބުނާ ގޮތުންނަމަ އެއީ އެމީހުންގެ ތަހުރީރު އެއްވުން ނިންމާ ވަގުތުކޮޅެވެ. އެންމެންވެސް އިންތިޒާރު ކުރީ ބޮޑު ކަމަކަށެވެ. އަތޮޅު ކައުންސިލް އިދާރާގެ މައްސަލައިގައި މި ރަށު ކޯޓުން ނެރުނު އަމުރާމެދު ހައި ކޯޓަށް ނިންމާ ބޮޑު ނިންމުމަށެވެ.

މިރަށުގެ މީހުންނަށް ހިތްވަރުދީ ބުރަކަށީގައި ފިރުމައިދެމުން ދިޔައީ މިރަށުގައި ހުރި ޑީއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދެވެ. ހަވީރު 4:20 އެހާކަންހާއިރު ކައުންސިލް އިދާރާގެ ކުރިމައްޗަށް އަޑުގަދަކުރާ އެއް ހިއްޕަވައިގެން ނުކުންނަވާ އަލީ ވަހީދު ހަރު އަޑުން ގޮވައިލެއްވެވި އެވެ: "ރައްޔިތުންނަށް ނަސްރު ލިބިއްޖެ،" އެއެވެ.

"ތަހުރީރު މައިދާނުން ރައްޔިތުނަން ކާމިޔާބު ލިބިއްޖެ. މުޅި ރަށް އަމާން ކުރޭ. ކައުންސިލް އިދާރާގެ ކުރިމަތީ ހުރަހަށް އަތުރާފައިވާ ޖޯލިތައް އެއްކައިރިކޮށް މުޅި ރަށް އަމާންކުރޭ. ރައްޔިތުން އުފަލާއެކު އާންމު ދިރިއުޅުމަށް ރުޖޫއަވޭ." އަލީ ވަހީދު ވިދާޅުވަމުން ދިޔައެވެ.

މިރަށުގެ މީހުންނަށް ހާއްސަވި އުފާވެރި ވަގުތުކޮޅުގައި ރައްޔިތުން އުފާވެރިކަމުގެ ޝުއޫރުތަކާއެކު މިރަށުގައި ތިބި ފުލުހުން ގާތުގައި އެދުނީ އެންމެ ކަމަކު އެވެ. ގާނޫނީ އިމުގެ ތެރެއިން ހައިކޯޓުގެ ހުކުމަށް ބޯ ލަނބައި ރައްޔިތުންނާ ގުޅިގެން ފުނަދޫގެ ފަސްގަނޑު އަމާން ތަނަކަށް ހަދައި ދިނުމަށެވެ. ފެންނަމުން ދިޔައީ މިދިޔައ ހޮނިހިރު ދުވަހުން ފެށިގެން ދެމެދުގައި އޮތް ނުރުހުން ރުހުމަށް ބަދަލުވިތަނެވެ.

ހައިކޯޓުގެ ހުކުމަށްފަހު އިއްޔެގެ މައުރިބު ނަމާދަށް ބަންގި ގޮވަންދެން ކައުންސިލް އިދާރާގެ ސަރަހައްދުގައި ގައުމީ ލަވަތައް އަޑު ހަރުކޮށް ޖެހި އިރު ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުންނާއެކު މުޅި ރަށް އޮތީ ހީސަމާސާމާސަކޮށް ސަކަރާތް ގަތުމުގެ ތެރޭގައެވެ. ރޭވެސް މިއަދުވެސް މިރަށުގައި އޮތީ އުފާފާޅު ކުރުމެވެ. ބޮނޑިބަތާއި ކުޅި މަހުގެ ކެއުންތަކާއި ނެށުންތައް މިރަށުގައި ދަނީ ހައްދާ ގަދަކުރަމުންނެވެ.

މިރަށުގެ ރައްޔިތުންނަށް ހިތްދަތި ހަތަރު ދުވަހަށްފަހު އުފާވެރިކަމެއް ގެނުވީ އެވެ. ނަމަވެސް އެމީހުންނަށް އިހުސާސްކުރާ ފޮނި ކަމުގައި މިވަގުތު ތިބީ ޝަރުއީ އެންމެ ފަހުގެ މަރުހަލާ މަތިން ހަނދާން ނައްތާލައިގެން ނޫނެވެ.